24 Jan 2021, 11:50
ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ގެ މަސައްކަތްތައް ލަސްވެގެން ދިއުމަކީ މުޅި ރާއްޖެއަށް އޭގެ ގެއްލުން ލިބޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީޑު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މީގެ ނުވަ އަހަރުކުރިން ވުޖޫދު ކުރި އެންޑިއޭގެ ސީއީއޯ ނެތި އެތަން ހިންގާތާ ހަތަރު މަސް ފަހުން އެތަނަށް، ސީއީއޯއެއް ހަމަޖެއްސީ މިދިޔަ ހަފްތާގަ އެވެ.
އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައިގަނޑު އިދާރާ އެވެ. އެތަނުގެ ސީއީއޯއަކަށް ބޭފުޅަކު އައްޔަންކޮށްފައި މި ވަނީ، ތިން ފަހަރެއްގެ މަތިން އިއުލާންކޮށްގެންނެވެ.
އެންޑީއޭއަށް ސީއީއޯއެއް ހަމަޖެއްސި އިރު، އެތަން ރަނގަޅަށް ހިންގަމުން ނުދާ ކަމަށާއި އެތަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން އެންޑީއޭގެ ރިފޯމް ކުރުމަށް ކެމްޕެއިނެއްވެސް ދަނީ ކުރަމުންނެވެ.
މަޖިލިސް ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޑީއޭއަށް އިސްލާހު ގެންނަން ޖެހިފައިވާ ކަމީ ޝައްކެއް ނެތް ހަގީގަތެއް ކަމަށާއި، އެތަނުގެ މަސައްކަތްތައް ލަސްވެގެން ދިއުމަކީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.
އެންޑީއޭގެ ސިއީއޯއަކަށް އެންމެ ފަހުން ހުންނެވީ، ހަސަން ޝަހީލް އެވެ. މިދިޔަ ސެޕްޓެމްބަރު 27ގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް އޭނާއަށް އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށެވެ. އަދި ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރައި ބަދުނާމުކޮށް، ފުރައްސާރަކުރަމުން ދިޔަ ކަމަށްވެސް އޭނާގެ ބުނެފައި ވެއެވެ.
ސީއީއޯ އިސްތިއުފާ ދިނުމުން އެތަން ވަގުތީގޮތުން ހިންގެވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފެވެ.
މި މަހު އެންޑީއޭގެ ސީއީއޯ އަކަށް ހަމަޖައްސާފައި ވަނީ މުހައްމަދު ހަބީބް އެވެ. އޭނާއަކީ އިންޓަނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރި، ހަބީބް ވަނީ ލޯކަލް ގަަވަމަންޓް އޮތޯރިޓީއާއި ދިރާގު އަދި މެކްސްކޮމް ޓްރެއިނިންގައި މަސައްކަތްކޮށްފަ އެވެ.