ކޮވޑިް19 ވެކްސިންގެ ދެ ޑޯޒް ޖަހާފައި ތިބޭ މީހުންނަށް ކަރަންޓީނާ ނުލާ ސީޝެލްސް އަށް ދެވޭނެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މިއާއެކު ސީޝެލްސް ވެގެން ގޮސްފައިވަނީ ވެކްސިން ޖަހާފައި ތިބޭ ޓޫރިސްޓުންނަށް ކަރަންޓީނާ ނުލާ އެތެރެވެވޭނެ އިންތިޒާމު ހަމަޖެއްސި ފުރަތަމަ ގައުމަށެވެ.

ސީޝެލްސްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުން ވެކްސިން ޖަހާފައި ތިބޭ ޓޫރިސްޓުންނަށް ކަރަންޓީނާ ނުލާ ސީޝެލްސް އަށް ވަދެވުނު ނަމަވެސް، ސޯޝަލް ޑިސްޓެންސިން އާއި މާސްކު އެޅުން ފަދަ ކަންތައް ކުރަން ޖެހޭނެ އެވެ.

ސީޝެލްސްގައި ވެކްސިން ޖަހަން ފަށާފައިވާއިރު އެ ގައުމުގައި ޖެނުއަރީ 10 އިން ފެށިގެން ޖަހަން ފަށާފައިވަނީ ސިނޮފާމް ވެކްސިން އެވެ.

ކަރަންޓީނާ ނުލާ ޓޫރިސްޓުންނަށް ސީޝެލްސް އަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސިއިރު، އެ ގައުމުގެ މަސައްކަތްކުރާ އާބާދީގެ 15 ޕަސެންޓަކީ ސީދާ ގޮތުން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނެވެ. އަލަށް ނިންމި ނިންމުމާއެކު، ސީޝެލްސްގެ ޓޫރިޒަމަށް ކުރިއެރުން އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ސީޝެލްސްގައި 760 އަށް ވުރެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު މި ފަހަކށް އައިސް ޕޮޒިތިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއާއެކު އެ ގައުމުގެ ސަރުކާރުން ދަނީ، ސީޝެލްސް އަށް ދަތުރުކުރާ މީހުންގެ ތެރެއިން އެ މީހަކު އެ އަންނަ ގައުމަކަށް ބަލައި ފިޔަވަޅުތައް އަޅަމުންނެވެ.

ސީޝެލްސް އަށް ދާ މީހުނ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ސާމްޕަލެއް މިހާރު ހުށަހަލަން ޖެހޭއިރު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެ އެވެ. މިހާރު އޮތްގޮތުންނަމަ، ކަރަންޓީނު ވާން ބޭނުންނަމަ ސީޝެލްސް އަށް ދަތުރުކުރުމުގެ ދެ ހަފްތާ ކުރިން ކޮވިޑް ވެކްސިން ޖަހައި، ވެކްސިން ޖެހިކަމުގެ ސެޓްފިކެޓު ހުށަހަޅަން ޖެހެ އެވެ.