24 Jan 2021, 10:15
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ރޭޕް ކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަތައް ކުރިއަށްގެންދަނީ ސިއްރުކޮށްގެން ކަމަށެވެ. ނަމަވެސް، އެ މައްސަލަ ހިނގާ ގޮތް ކޯޓުން ހާމަކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
ޖިންސީ ކުށްތަކުގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމެނޭތީ އެފަދަ މައްސަލަތައް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.
އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.