މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓަ ޑިޕާޓުމަންޓުތަކުގެ މެދުގައި މިދިޔަ އަހަރު ވެސް ކުރިއަށްގެން ދިޔަ "ކޮމިޝަނާ އޮފް ޕޮލިސްގެ" ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

މާފަންނު ޓާފް އެއްނަންބަރު ދަނޑުގައި މިދިޔަ ހުކުރު ދުވަހު ހަވީރު ފެށި މިމުބާރާތުގެ ޝަރަފްވެރި މެހެމާނަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހެވެ.

ހެޔާ ކެޔާ މޯލްޑިވްސް އިން ސްޕޮންސާ ކޮށްފައިވާ މި މުބާރާތުގައި ޖުމްލަ 18 ޓީމް ވާދަކުރާ އިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރި ދެ ޓީމަކީ ގްރޫޕް އޭގެ ދެ ޓީމް ކަމުގައިވާ ސޯ ޖޫނިޔާސް އާއި މާލޭ ކަސްޓޯޑިއަލް އެވެ. މިމެޗް 3-0 ލަނޑުން ކާމިޔާބު ކުރީ މާލޭ ކަސްޓޯޑިއަލްގެ ޓީމުންނެވެ. މެޗްގައި ކަސްޓޯޑިއަލްގެ މުއްރަތު އަހުމަދު ދެގޯލް ކާމިޔާބު ކުރި އިރު، ތިން ވަނަ ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ބާރީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކަސްޓޯޑިއަލްގެ ޓީމަށް ދެ ގޯލް ކާމިޔާބުކޮށްދިން މުއްރަތު އަހުމަދެވެ. އަދި އޭނާ އަށް އިނާމް ދެއްވީ ހެޔާ ކެޔާގެ ސީނިޔާ ލީގަލް އޮފިސާ އަބްދުއްރާހިމް އަބްދުﷲ އެވެ.


މުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:15ގަ އެވެ.