ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މަޖުބޫރު ނުވާނެ ކަމަށާއި އަދި 16 އަހަރުން ދަށުގެ ކުދިން ގަޔަށް ވެކްސިން ނުޖަހާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ވެކްސިނަށް މީހުން ހޭލުންތެރިކުރުމަށް އެޗްޕީއޭ އިން އާންމުކުރާ ސުވާލާއި ޖަވާބުގައި ބުނެފައި ވަނީ ކޮވިޑް19 ވެކްސިން އަކީ އެ ބަލި ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް އިންރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެއް ކަމަށާއި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑީ، ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުން ކަމަށެވެ.

އެގޮތުން ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައި، ސިއްހީ ހިދުމަތްތެރިންނާއި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން ކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުން ހިމެނޭ ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ 'ކޮވިޝީލްޑް' ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ. 'ކޮވިޑްޝީލްޑް' އުފައްދާފައިވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކުރި ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އެއާއި އެއްގޮތަށެވެ.

'ކޮވިޝީލްޑް' އަކީ ރައްކާތެރިކަމާއި ނަތީޖާ ރަގަޅުކަން ދެނެގަނެފައިވާ، ވެކްސިނެއް ކަމަށާއި އަދި އެއީ ފަސޭހައިން ފިނިހޫނުމިން ބެލެހެއްޓޭގޮތަށް އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށްފައި ބެހެއްޓޭނެ ވެކްސިނެއްކަމުން، ވެކްސިން އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

'ކޮވިޝީލްޑް' ވެކްސިން މިހާރުވަނީ ކްލިނިކަލް ޓްރަޔަލް ގެ ތިން ވަނަ މަރުހަލާ ކަޑައްތުކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ހޯދުމުގެ މަގުމަތީގަ އެވެ. އަދި ވެކްސިން ޖަހަން ފާށާނީ އެ ވެކްސިންގެ ރައްކާތެރިކަމަށް ޑަބްލިއުއެޗްއޯގެ ހުއްދަ ދިނުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން, ކޮވިޑް19 ވެކްސިން ހޯދުމަށް ރާއްޖެއިން ވަނީ ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފަ އެވެ. އެޗްޕީއޭ އިން ބުނީ ކޯވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުން އަންނަނީ އެސްޓްރާޒެނެކާ ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން ގަތުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމުގައި އެ ކަރުދާހުގައި ބުނެފައިވެ އެވެ.

"ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ، އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެއެވެ. ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ." އެޗްޕީއޭ އިން ބުންޏެވެ.

އަދި ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިން ތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓުކޮށްފައިވާ ވެކްސިންތަކެއް ކަމަށެވެ. އަދި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމެނިފައި ނުވާތީ އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެ ކަމަށެވެ.

ވެކްސިންގެ ޑޯޒް ދޭންޖެހޭ އަދަދު ބިނާވަނީ ވެކްސިންގެ ބާވަތަށް ކަމަށާއި އެގޮތުން 'ކޮވިޝީލްޑް'، ފައިޒާ-ބަޔޯއެންޓެކް، މޮޑާނާ ވެކްސިން، ކޮންމެ ވެކްސިނެއްގެ ވެސް ދެ ޑޯޒް ޖަހަންޖެހޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ 'ކޮވިޝީލްޑް' ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި އެގޮތުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތައް ކަމަށެވެ.

އެ ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި:
• އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންތައް
• ހުންއައުން
• ވަރުބަލިވުން
• ބޮލުގައި ރިއްސުން
• މޭނުބައިކުރުން
• ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން

މިފަދަ އަލާމާތްތަކާއި މެދު ކަންބޮޑުވާނަމަ ނުވަތަ ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ ހޯދިމަށާއި 1676 އަށް ގުޅާ ރިޕޯޓްކުރަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް19 އަށް ހުށަހެޅުމުގެ ސަބަބުން ބައްޔާ ދެކޮޅަށް ދިފާއީ ނިޒާމުގައި ރައްކާތެރިކަން އުފެދި ދެމިހުންނަ މުއްދަތު އަދި ރަނގަޅަށް ހޯދިފައި ނެތުމުން ބަލި ޖެހި ރަނގަޅު ވެފައިވާ މީހާއަށްވެސް
ވެކްސިން ޖަހާނެ އެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން އެންޓިބޮޑީ ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ.

ކޮވިޑް19 ތަހައްމަލު ކުރަމުންދާ މީހުން، ބަލިން ރަނގަޅުވެ ބަލީގެ އަލާމާތްތައް ފިލައިދަންދެން ވެކްސިން ނުޖަހާ މަޑުކުރަން ޖެހޭނެ އެވެ.

ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބު ކަނޑައަޅަނީ ވެކްސިން ލިބޭ އަދަދަށް ބަލާފައެވެ. އެގޮތުން ވެކްސިން ދިނުމުގައި އިސްކަންދޭ ތަރުތީބު ބަހާލައިފައިވަނީ ތިރީގައިވާ ތިންބަޔަށެވެ.

ހ. ސިއްހީ ހިދުމަތުގައި އަދި އިޖްތިމާއީ ހިދުމަތުގައި އިސްސަފުގައި މަސައްކަތްކުރާ މީހުން:

އޭގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން، ބަލިމީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ފަރާތްތަކާއި،
ބަލިމީހުންނަށް ފަރުވާދޭ ތަންތަނުގައި ކުނި ނުވަތަ ބަލިމީހާގެ ހަށިގަނޑުން ބޭރުވާ ދިޔައަކަށް ނުވަތަ ނަޖިހަކަށް ހުށަހެޅޭ ފަދަ މަސައްކަތްތައް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން އިޖްތިމާއީ ހާލަތްތަކުގައި ހިމެނޭ މީހުންނަށް ހިދުމަތްދޭ މީހުންނެވެ.

ށ. ބައްޔަށް ހުށަހެޅިއްޖެނަމަ، އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުން

އޭގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ މީހުން، އަދި އުމުރުން 50 އަހަރާއި 18 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުންނާއި ހަކުރު ބަލި ހުންނަ މީހުންނާއި
ހިތުގެ ބަލިތައް ހުންނަ މީހުންނާއި ސްޓްރޯކެއް ޖެހިފައިވާ މީހުންނާއި
އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީއެމްއައި 40ން މަތި މީހުން) ނެވެ.

އޭގެ އިތުރުން ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުންނާއި ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުން ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލުކުރަމުންދާ މީހުންނާއި ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުންނެވެ.

ނ. އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން
• ޓީޗަރުން
• ފުލުހުން
• ސިފައިން
• ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންނަށް ހިދުމަތްދިނުމުގައި އިސްސަފުގައި ހަރަކާތްތެރިވާ މީހުން:
o އެއާޕޯޓުގެ އިސްސަފުގައި ހަރަކާތްތެރިވާ މުވައްޒަފުން (މީގެ ތެރޭގައި ސާފުކުރާ މީހުންނާއި ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ)
o ޓްރެވަލް އެޖެންސީތަކުގެ ކައުންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުން
o މަތިންދާބޯޓުގެ ފަޅުވެރިން (މީގެ ތެރޭގައި ސާފުކުރާ މީހުންނާއި ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ)
o ފަތުރުވެރިކަމުގެ ދާއިރާގެ އިސްސަފުގައި މަސައްކަތްކުރާ މުވައްޒަފުން.
o ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން. އެއްގަމާއި ކަނޑުގެ ޕަބްލިކް ޓްރާންސްޕޯޓްގައި މަސައްކަތްކުރާ މީހުން