މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ނެޝަނަލް ސުކައުޓް އެސެމްބްލީން ފާސްކޮށްފައިވާ ކޮންސްޓިޓުއުޝަންގެ ދަށުން އިންތިހާބް ކުރި ނެޝަނަލް ސްކައުޓް ކައުންސިލްގެ މެންބަރުންނަށާއި ނެޝަނަލް ސަކައުޓް އެގްޒެކެޓިވް ކޮމެޓީގެ މެންބަރުންނަށް ވޮރެންޓް އޮފް އެޕޮއިންޓްމަންޓް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވޮރެންޓް ހަވާލުކޮށްދެއްވާފައި ވަނީ ނެޝަނަލް ސްކައުޓް ކައުންސިލްގެ 13 މެންބަރުންނަށާއި ނެޝަނަލް ސްކައުޓް އެގްޒެކެޓިވް ކޮމެޓީގެ 10 މެންބަރަކަށެވެ. އަދި ނެޝަނަލް ސްކައުޓް ކައުންސިލްގެ ދެ މަގާމަކަށް ބޭފުޅުން އިންތިހާބްކުރުން ފަހުން އޮންނާނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

ރަސްމިއްޔާތުގައި ޗީފް ސްކައުޓް ދެއްކެވި ވާހަކަފުޅުގައި ސްކައުޓް ހަރަކާތުގެ ވިސްނުމާއި ފިކުރުގައި ކުރިއަށްދާ ނަމަ ނުބައި މަގަކުން ނުދާނެ ކަމަށާއި ދިރިއުޅުމާއި ގައުމީ ހަޔާތް ވެސް އެކަމުގައި ކުރިއަށް ގެންދާ ނަމަ ސަލާމަތްވުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ ކަމަށެވެ.

"ސްކައުޓްގެ ވިސްނުމަކީ އަޅުނގަޑުމެން އެންމެން ވެސް އެ މައްޗަށް ބުރަވެ ތިބެ ހަޔާތް ކުރިއަށްގެންދާ ނަމަ 'ނުކަސިޔާރު ނުރަނގަޅު' ފިޔަވަޅެއް ނޭޅޭނެ ވިސްނުމެއް." ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް އަދި އަލަށް އިންތިހާބްވި ސްކައުޓް އެސޯސިއޭޝަންގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށާއި އެގޮތުން ސްކައުޓް ހަރަކާތަށް ވަންނަ ކުދިންގެ އަދަދު އިތުރުކޮށް ސްކޫލް ނިންމާ އިރުން ފެށިގެން އެ ހަރަކާތުގައި އުޅެވޭ ގޮތް ހަދަން ޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މާހައުލުގައި ދިމާވާ ކަންތައްތަކަށާއި ދުނިޔެއަށް ދިމާވާ ކަންތައްތަކަށް ވެސް ކުރިމަތިލުމަށް ސްކައުޓް ދަރިވަރުންނަށް ދަސްކޮށްދޭން ޖެހިފައިވާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ސްކައުޓް ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަތާ 56 އަހަރުވެފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރަމުން އަންނަ އެންމެ ބޮޑު އެއް ހަރަކާތެވެ.