29 Jan 2012, 13:43
މިސީޒަނުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެޔާ، މިސީޒަނުގެ އެއްވެސް މެޗަކުން ނުފެނުމުގެ ބިރު އޮތްކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
މިސީޒަނުގެ ކުރީކޮޅު ލިބުނު އަނިޔާއިން ސަލާމަތް ވުމަށް ފަހު، ކުޅުމަށް އެނބުރި އައުމާއި ގާތުގައި އުޅުނު ވިލްޝެޔާ އަށް ވަނީ ދާދި ފަހުން އިތުރު އަނިޔާއަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަނިޔާގެ ސަބަބުން ސީޒަނުގެ އިތުރު މެޗަކުން ވިލްޝަޔާ ފެނުން ދުރުކަމުގައި ރިޕޯޓްތައް ބުނެއެވެ.
ވިލްޝެޔާ އަށް އަލުން ކުޅުމަށް އެނބުރި އާދެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި، އޭނާ ދަނީ ޑޮކްޓަރުން ޓީމާއެކު ޓެސްޓްތައް ހަދަމުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފައި ވެއެވެ.
"މިވަގުތު ވިލްޝެޔާ ދަނީ ޑޮކްޓަރުންނާއެކު އިތުރު ޓެސްޓުތަކުގައި ބައިވެރިވަމުން. އެހެންކަމުން އޭނާ އަށް އާސެނަލް ޓީމުން ފެންނާނެ ދުވަހެއް އަދި ނޭނގޭ. ކުރިން ލިބުނު ފަޔަށް އަނިޔާވީ އެކަމަކު މިފަހަރު ވިލްޝެޔާ އަށް ލިބުނީ ތަފާތު އަނިޔާއެއް،" ވެންގާ ބުންޏެވެ.
ވިލްޝެޔާ އަކީ އާސެނަލްގެ މެދުތެރޭގައި އިސް ދައުރެއް އަދާކުރަމުން ދިޔަ ހުނަރުވެރި ޒުވާން ކުޅުންތެރިއެކެވެ.
ނަމަވެސް މިސީޒަނުގައި ލިބުނު އަނިޔާއާއި ގުޅިގެން ވިލްޝެޔާ އަށް އާސެނަލްގެ ޓީމުން ފެނިިފައެއް ނުވެއެވެ.