މެންޗެސްޓާ ޔުނައިޓެޑުގައި ހުރެ ގިނަ ރެކޯޑުތަކެއް ގާއިމްކުރަން ބޭނުންވާ ކަމަށް އެކުލަބުގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

"މެންޔުނައިޓެޑުގައި ހުރެ ގިނަ ރެކޯޑުތަކެއް ހޯދަން ބޭނުން. އެގޮތުން މެންޔުނައިޓެޑަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ވެސް ހޯދަން ބޭޏުން. ކުރިއަށް އޮތް ފަހެއް ނުވަތަ ހަ އަހަރުތެރޭ އެރެކޯޑާއި ހަމައަށް ވާސިލުވެވޭތޯ މަސައްކަތް ކުރާނަން،" ރޫނީ ބުންޏެވެ.

މެންޔުނައިޓެޑަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ، އެކުލަބުގެ ކުރީގެ ތަރި ސާ ބޮބީ ޗާލްޓަން އެވެ. އޭނާ ވަނީ މެންޔުނައިޓެޑަށް ކުޅުނު ސަތާރަ އަހަރު ތެރޭ 606 މެޗު ކުޅެ 249 ގޯލު ޖަހައިދީފަ އެވެ.

ސާ ބޮބީގެ ރެކޯޑު ބިންދާލަން ރޫނީ ބޭނުންނަމަ، އަދި ގިނަ ގޯލުތަކެއް ކާމިޔާބު ކުރަން ޖެހޭނެ އެވެ. މިހާތަނަށް މެންޔުނައިޓެޑަށް ރޫނީ އަށް ކާމިޔާބު ކޮށްދެވިފައި ވަނީ 162 ގޯލެވެ. އެހެން ނަމަވެސް ރޫނީ އަށް އެރެކޯޑު ބިންދާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.