29 Jan 2012, 13:36
ބްރެޒިލްގެ ސަންޓޯސް އަށް ކުޅެމުންދާ މިޑްފީލްޑަރު ގަންސޯ އަށް ޕޯޓޯ އިން ހުށަހެޅި ހުށަހެޅުމަށް ސަންޓޯސްގެ ރައީސް ލުއިސް އަލްވާރޯ ރިބޭރޯ ފާޑު ކިޔައިފި އެވެ.
މިދިޔަ އަހަރުގެ ޔޫރޮޕާ ލީގާއި ޕޯޗުގަލް ލީގާއި ޕޯޗުގަލް ތަށި ކާމިޔާބުކުރި ޕޯޓޯ އިން ވަނީ މިޑްފީލްޑަރެއް ހޯދުމަށް މިމަހު ބޮޑު މަސައްކަތެއް ކޮށްފަ އެވެ. އެގޮތުން ގަންސޯގެ އިތުރުން ޕޯޓޯ އިން ވަނީ މާސޭލްގެ އާޖެންޓީނާ މިޑްފީލްޑަރު ލޫޗޯ ގޮންޒާލޭސް ހޯދުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.
"ޕޯޓޯ އިން ގަންސޯ އަށް ހުށަހެޅި ހުށަހެޅުމަށް އެއްވެސް ޝައުގެއް ނެތް. މިކަހަލަ ހުށަހެޅުންތަކަކީ ޖޯކެއް. އެމީހުން ހުށަހެޅި ހުށަހެޅުމުގައި އެއް ސުން މަދު. ހުށަހެޅުމަކަށް ވާކަހަލަ ހުށަހެޅުމެއްނަމަ، އަހަރެމެން ވާހަކަތައް ކުރިއަށް ގެންދިޔައީސް،" ރިބޭރޯ ބުންޏެވެ.
އުމުރުން 22 އަހަރުގެ ގަންސޯ އަށް ވިއްކާލުމަށް ތައްޔާރަށް ހުރި ކަން ސަންޓޯސް އިން މިމަހު ކުރީކޮޅު ހާމަކޮށްފައި ވެއެވެ. ސަންޓޯސް އިން ގަންސޯ ދޫކުރުމަށް ތައްޔާރަށް ހުރި ނަމަވެސް، ނޭމާ ދޫކުރުމަށް އެއްބަސް ވެފައެއް ނުވެއެވެ.