ފްރާންސްގެ ޕެރިސް ސެންޓް ޖާމެން އަށް ކުޅެމުންދާ ހާވިއާ ޕަސްތޯރޭ އެކުލަބުގައި ހުރީ އުފަލާއެކު ކަމަށާއި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

ޕީއެސްޖީ އަށް ޕަސްތޯރޭ ބަދަލުވީ މިސީޒަން ފެށުމުގެ ކުރިން އޮތް ޓްރާންސްފާގަ އެވެ. އިޓަލީގެ ޕަލާމޯ އަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު ޕަސްތޯރާ ޕީއެސްޖީ އަށް ބަދަލުވީ 42 މިލިޔަން ޕައުންޑަށެވެ. ޕީއެސްޖީގެ އިތުރުން އިނގިރޭސި ވިލާތުގެ ޗެލްސީ ވެސް ޕަސްތޯރޭ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

"އަހަރެން ޓްރެއިން މިކުރަނީ ކާމިޔާބީ ކުޅުންތެރިއަކަށް ވުމުގެ ފޮނި އުންމީދު ގައި. މިކުލަބުގައި އަހަރެން މިހިރީ އުފަލާއެކު. އަހަރެންނަށް ކުލަބުގެ ކުޅުންތެރިން ވެސް ވަރަށް ރަނގަޅު. މިކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުން،" ޕަސްތޯރޭ ބުންޏެވެ.

މިސީޒަނުގެ ޔޫރޮޕާ ލީގުން ޕީއެސްޖީ ކެޓި ނަމަވެސް އެޓީމު އޮތީ ފްރާންސް ލީގުގެ އެއްވަނާގަ އެވެ.

ޔޫރޮޕާ ލީގުގައި އެޓީމަށް ކާމިޔާބީ އެއް ނުލިބުމުގެ ސަބަބުން ކުރިން އެކުލަބާއި ހަވާލުވެ ހުރި ކޯޗު ކަމްބޫރޭ ދުރުކުރުމަށް ފަހު، ކުރިން ޗެލްސީ އަށާއި އޭސީ މިލާނަށް ކޯޗުކޮށްދިން ކާލޯ އެންޗެލޮޓީ އާއި ޕީއެސްޖީ ހަވާލުކޮށްފައި ވެއެވެ.