ބަޣްދާދު (ޖަނަވަރީ 21) : އިރާގުގެ ވެރިރަށް ބަޣްދާދުގައި ދެމީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ޙަމަލާއެއްގައި 28 މީހުން މަރުވެ 73 މީހުން ޒަހަމްވެއްޖެ އެވެ.

އިރާގުގެ ފުލުހުން ބުނިގޮތުގައި ހަށިގަނޑުގައި ބާރުގަދަ ގޮވާތަކެތި ހަރުކޮށްގެންތިބި ދެމީހަކު އެދެމީހުންގެ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ދިން މިޙަމަލާއަކީ ޑަބަލް ގޮވުމެއް ގޮވި ޙަމަލާއެކެވެ. ޑަބަލްކޮށް މިޙަމަލާ ދީފައިވަނީ ބަޣްދާދުގެ މެދުތެރޭގައިވާ އޭވިއޭޝަން ސްކެއާ ގެ ކައިރީގައިވާ ބާޒާރެއްގައި މިއަދު ހެނދުނު މީހުން ތޮއްޖެހިފައިވަނިކޮށެވެ. މިއީ ފާއިތުވި 3 ވަރަކަށް އަހަރުތެރޭގައި އިރާގުގައި ދިން މިބާވަތުގެ ބޮމުގެ އެންމެ ވަރުގަދަ ޙަމަލާއެވެ.

މީހުން އަމިއްލައަށް މަރުވެގެންނާއި ކާރުބޮން ގޮއްވާލައިގެން އާންމުންނަށް އަމާޒުކޮށް ދޭ މިބާވަތުގެ ޙަމަލާތަށް އިރާގަށް އަމާޒުނުވާތާ ވަނީ ގާތްގަނޑަކަށް 3 އަހަރަށްވުރެވެސް ގިނަ ދުވަސްވެފައެވެ. މިބާވަތުގެ ޓެރަރިސްޓް ޙަމަލާތައް އިރާގުގައި އެންމެ ގިނަވެގެން ދިޔައީ އިރާގުގައި އައިސް ޖަމާއަތް ވަރުގަދަވެފައިއޮތް ދުވަސްވަރުގައެވެ. 2017 ވަނައަހަރު އިރާގުން އައިއެސްގެ ވުޖޫދު ނައްތާލެވިއްޖެކަން އެގައުމުގެ އޭރުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ އިޢްލާން ކުރެއްވިފަހުން ވަރަށް މަދުން ނޫނީ އިރާގުގައި ބޮމެއް ގޮއްވާލާފައެއް ނުވެއެވެ. އެހެންކަމުން ފާއިތުވި 3 އަހަރަކީ އިރާގުގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އަމަން އަމާންކަން ގާއިމް ވެގެންދިޔަ އަހަރުތަކެކެވެ.

އިރާގު ޓެރަރިޒަމްގެ ހާއްޔަކަށް ބަލުވެގެން ދިޔައީ 2003 ވަނައަހަރު އެމެރިކާއިން އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރި ކަމަށްބުނެ ބޮޑެތި ދޮގުތަކެއް ހަދައި ދުނިޔެއަށް އޮޅުވާލުމަށްފަހު އދ. އަށް ގޮންޖަހައި އެމެރިކާ ސިފައިން އިރާގަށް އަރައިގަނެ އިރާގުގެ ވެރިކަން ވައްޓާލައި އިރާގު އިސްތިއްމާރު ކުރުމާ ގުޅިގެންނެވެ. އެއަށްފަހު އެމެރިކާގެ އަތްދަށުން އިރާގު މިނިވަންވި ނަމަވެސް އިރާގުގައި އަމަނާއި ސުލްހަ ބެލެހެއްޓުމުގައި އެމެރިކާވަނީ މުޅިން ނާކާމިޔާބުވެފައެވެ.

އިރާގުގައި އައިއެސް ޖަމާއަތާއި އާއި ޖަބްހަތުއްނުސްރާ އާއި އަލްގާއިދާ ފަދަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތައް އުފެދިގެން ދިޔައީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި އިރާގު އޮތް ދުވަސްވަރުގައެވެ. މިއަދު އިރާގަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއާއެކު ބަޣްދާދުގެ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިޥާކަމަށް މުރާސިލުން ބުނެއެވެ. މިއަދު ޑަބަލްކޮށް އިރާގުގައި ދިން މި ޓެރަރިސްޓް ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ.

އިރާގުގެ ފުލުހުން ބުނާގޮތުން މިއަދު ހަށިގަނޑު ގޮއްވާލައިގެން ހަމަލާދިން ދެމީހުން ގެ މައްޗަށް ޝައްކު ކުރެވިގެން ފުލުހުން ގެންދިޔައީ ބަޣްދާދުގެ އަލްބާބުއްޝަރްގީ ސަރަހައްދުން ފެށިގެން އެމީހުންނަށް ފާރަލަމުންނެވެ. އެދެމީހުން ހަށިގަނޑު ގޮއްވާލާފައިވަނީ އެމީހުންގެ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްފައިވާ ކަމަށް ބެލެވިފައި ވަނިކޮށް ހައްޔަރުނުކުރެވި އުޅެނިކޮށް ކަމަށް އިރާގުގެ ފުލުހުންގެ ބަޔާނެއް ބުނެއެވެ.

ބަޣްދާދުގެ މެދުތެރޭގައިވާ އޭވިއޭޝަން ސްކެއާ ގެ ކައިރީގައި 2017 ވަނައަހަރުވެސް މީހަކު އަމިއްލައަށް މަރުވެގެން ޓެރަރިސްޓް ޙަމަލާއެއް ދީފައިވާއިރު އެ ޙަމަލާގައި 31 މީހުން މަރުވެފައިވެއެވެ.

(އަލްޖަޒީރާ + ނޫސްއެޖެންސީތައް)