އާސެނަލްގެ ރަޝިޔާ ފޯވާޑް އަންދުރޭ އަރްޝަވީން އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އާއި މެދު ކުލަބުގެ ސަޕޯޓަރުން ހިތްހަމަޖެހޭ ކަމަށް އެޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ކޯޗު ވެންގާ މިހެން ބުނެފައިވާއިރު، މިސީޒަނުގައި މާއެދެވޭ ކުޅުމެއް އަރްޝަވީން އަށް ދެއްކިފައި ނުވާތީ ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައި ވެއެވެ. ހާއްސަކޮށް މިދިޔަ އާދީއްތަ ދުވަހު މެންޔުނައިޓެޑާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން އާސެނަލް ބަލިވި މެޗުގައި އެލެކްސް އޮކްސްލޭންޑް ޗެމްބަލެން ބޭލުމަށް ފަހު އަރްޝަވީން އެރުވުމުން ސަޕޯޓަރުންގެ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"އަރުޝަވީން އަކީ މޮޅު ކުޅުންތެރިއެއް. އޭނާ އަކީ ރަނގަޅު މީހެއް. ސަޕޯޓަރުން އޭނާ ދެކެ ހުރީ ހިތްހަމަ ނުޖެހިފައެއް ނޫން. އެމެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޗެމްބަލެން ބޭލީމަ ސަޕޯޓަރުން ހިތްހަމަ ނުޖެހުނީ. ކޮންމެހެން އަރްޝަވީން އެރުވީމައެއް ނޫން،" ވެންގާ ބުންޏެވެ.

ރަޝިޔާ ގައުމީ ޓީމުގައި ލީޑަރެއްގެ މަގާމު ވެސް ފުރަމުންދާ އަރްޝަވީން އަކީ އާސެނަލް އާއި ގުޅުނު ފުރަތަމަ ދުވަސްކޮޅު ވިދާލި ހުނަރުވެރި ކުޅުންތެރިއެކެވެ. އޭގެ އިތުރުން ވެސް ރަޝިޔާ ގައުމީ ޓީމަށް ވެސް އަރްޝަވީން މޮޅު ކުޅުމެއް ދައްކާފައި ވެއެވެ.