21 Jan 2021, 15:11
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ހުކުމް ހައިކޯޓުން މިއަދު ދަހަމައްޓައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވުމުންނެވެ.
އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް، އެ މައްސަލައިގައި ހުކުމް ކުރުމުގެ އަޑުއެހުން އޮތީ މިއަދު އެވެ.
ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި ބެއްލެވީ، ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ހުސެއިން ޝަހީދެވެ. އޭގެ ތެރެއިން ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒު ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ތާއީދު ކުރި އެވެ. ނަމަވެސް، ފަނޑިޔާރު ޝަހީދުގެ ރައުޔު އެއާ ހިލާފެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތު ކުރަން ކުށުގެ ދެ އުންސުރެއް ސާބިތުވާން ޖެހެ އެވެ. އެއީ ވަކި މުދަލަކީ ކުށްކޮށްގެން ހޯދާ މުދަލެއްކަމަށް އެނގި ހުރެ ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވޭ ހާލަތެއް އޮވެ، އެ މުދަލެއް އަތުގައި ބެހެއްޓުން، ބޭނުން ކުރުން، ފޮރުުވުން، ނުވަތަ އަސްލު އޮޅުވާލުމެވެ.
ފަނޑިޔާރާރު މަޒީދާއި ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރީ ރައީސް ޔާމީންގެ މައްސަލައިގައި ކުށުގެ ދެ އުންސުރު ސާބިތުވާ ކަމަށެވެ.
އެގޮތުން، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ އެސްއޯއެފް މެދުވެރިކޮށް، ޖަމާވި، ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއްކަން އެންޓި ކޮަރަޕްޝަން ކޮމިޝަނުން އެމަނިކުފާނަށް އަންގައި ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް ބެލެވޭ ކަމަށް އެ ހުކުމްގައިވެ އެވެ. ހަމައެހެންމެ އެއީ ކުށް ކޮށްގެން ހޯދާ ފައިސާ ކަމަށް ބެލެވޭ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ ފައިސާ ދައުލަތަށް ދިނުން ކަމަށް އޭސީސީއިން ބުނެފައިވާކަންވެސް ހުކުމުގައި ފާހަގަ ކުރި އެވެ. އެހެންކަމުން އެމަނިކުފާނަށް އެ އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފަައިސާއެއްކަން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އުފަންވާ ކަަމަށް ހުކުމުގައިވެ އެވެ.
އެކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެނައުމުންވެސް، އޭސީސީއާއި އެމަނިކުފާނާއެކު ހެދި އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދެވި އެއް މިލިއަން ޑޮލަރެވެ. އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުން މުއާމަލާތް ކުރުން ހުއްޓާލުމުގެ ބަދަލުގައި އެ ފައިސާއިން މަންފާ ލިބޭ ގޮތަށް އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓެމެންޓް އެކައުންޓަށް ޖަމާކޮށްފައިވާކަން ފާހަގަ ކުރި އެވެ. ހުކުމުގައިވާ ގޮތުން ދެވަނަ އުންސުރު ހަމަވަނީ އެ ފައިސާއާ މެދު ޝައްކު ކުރެވޭ އިރުވެސް، އެމަނިކުފާނު އެ ފައިސާ މަންފާ ލިބޭ ގޮތަށް އިންވެސްޓު ކުރުމުންނެވެ.
އަދީބާއި ޒިޔަތަކީ ފާސިގުން ކަމާއި އެއީ ރައީސް ޔާމީންގެ އަދާވާތްތެރިން ކަމަށް ބުނި ބުނުމާ މެދު ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ، ރައީސް ޔާމީންގެ ކުށުގެ އަމަލުގައި އަދީބާއި ޒިޔަތު ބައިވެރިވިކަން ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. ނަމަވެސް، އެ ކުށުގައި އެހީތެރިވުމާއި މަގުފަހިކުރުން ފަދަ ކަންކަމުގައި އެ ދެ މީހުން ބައިވެރިވި ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން، އަދީބާއި ޒިޔަތުގެ ހެކިބަސް ރައީސް ޔާމީންގެ މައްޗަށް ބޭނުން ކުރެވޭނީ އިތުރަށް އެއަށް ބާރުދޭ ހެކިތައް ހޯދިގެން ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
އެ ދެ ބޭފުޅުންނަކީ ހިޔާނާތުގައި ޝާމިލުވެ، އަމަލީ ގޮތުގައި ހިންގަން އުޅުނު ފަރާތްތައް ކަމަށްވާތީ އަދި އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީންގެ އަދާވާތްތެރިން ކަމަށް ރައީސް ޔާމީން ވިދާޅުވާ ވާހަކައިގައި ގަބޫލު ކުރެވޭ ކަންތައްތަކެއް ހުރުމުން ހަމައެކަނި އެ ދެ މީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރުން ރަނގަޅު ނޫން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އެ މައްސަލައިގައި ކްރިިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެ މީހުންގެ ހެކިބަހުގެ މައްޗަށް އެކަނި ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ގޯސް ކޮށް ކަމަށެވެ. ވިދާޅުވަން ދެ ގަޑިއިއަށް ވުރެ ގިނަ އިރު ނެގި އެ ރައުޔުގައި ބުނެފައި ވަނީ ރައީސް ޔާމީނަށް އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ތާފާތު ކުރުމުގެ ތެރެއިން ކަމަށެވެ. އެއީ އެސްއޯއެފްއިން ފައިސާ ޖަމާވި އެހެން މީހުންނަށް އެ މައްސަލައިގައި ދައުވާކޮށްފައި ނުވާ ކަމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅިގެންނެވެ.
އޭގެ އިތުރުން، ރައީސް ޔާމީން އަމަލުކޮށްފައިވާ ގޮތުން އެމަނިކުފާނުގެ ތެދު ނިޔަތް އެނގޭ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
"މަނީ ލޯންޑާ ކުރުމުގެ އެންމެ އަސާސީ އެއް އުންސުރަކީ އަދި ހުށަހެޅިފައިވާ ދައުވާގައި ދައުލަތުންވެސް ފާހަގަ ކުރާ އެންމެ މުހިންމު އެއް އުންސުރަކީ އަސްލު އޮޅުވާލުން ކަމަށްވާއިރު އިސްތިއުނާފު ކުރާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެ ފަރާތުން އަމަލުކޮށްފައި ވަނީ ތެދު ނިޔަތުގައިކަން ވަރަށް ސާފުކޮށް އެނގެން އޮވޭ،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.
އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެމަނިކުފާނު ފައިސާ ބެހެއްޓެވީ އަމިއްލަ އިސްނެގުމަށް ކަމަށާއި އެކަމުންވެސް ތެދު ނިޔަތް އެނގޭ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން އެކައުންޓަށް ޖަމާވި ފައިސާ އަނބުރާ ރައްދު ކުރަން އޭސީސީ އިން ވެސް އެހެން ތަނަކުންވެސް ޔާމީނަށް އަންގާފައި ނުވާ ކަމަށާއި، އެ ފައިސާ އަކީ ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓު ކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށް އެ ރައުޔުގައިވެ އެވެ. އެހެންކަމުން، އެއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމެއް އެމަނިކުފާނަށް ޝައްކު ވާން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައިވެ އެވެ.
"އެހެންކަމުން، އިސްތިއުނާފު ކުރާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަމަލުކުރައްވާފައި ވަނީ އެ އަދަދަށްވާ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރަން ކަމަށާއި އެއްވެސް ހާލެއްގައި މަނީ ލޯންޑާ ކުރުމުގެ ނުވަތަ އެ ނޫންވެސް ޖަރީމާއެއް ހިންގުމުގެ ނުބައި ނިޔަތެއް ނެތްކަން އެ މުޅި މުއާމަލާތައް ބެލުމުން އެނގެން އޮވޭ،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.
އޭގެ އިތުރުން، އެމަނިކުފާނަށް ކުރި ދައުވާ އަކީ ފުލުހުންގެ ތަހުގީގުގައި ސުވާލު ނުކުރާ ކަމެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް އޭނާގެ ރައުުޔުގައިވެ އެވެ. އަދި ފުލުހުން ސުވާލު ކުރީ އެމަނިކުފާނު ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށާ ގުޅިގެންކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެއީ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައި ނުވާ އަދި ރައީސް ޔާމީންގެ ހައްގުތައް ގެއްލޭ ގޮތަށް ކޮށްފައިވާ ދައުވާއެއް ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
ރައީސް ޔާމީންގެ މައްސަލައިގައި އަދީބާއި ޒިޔަތާއި މުއައްވިޒްގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.
އޭނާގެ ރައުޔުގައި ވަނީ އިސްލާމީ ޝަރީއަތުގެ ދަށުން، ގަބޫލު ކުރެވޭނީ އަދުލުވެރިންގެ ހެކިބަސް ކަމަށް ފާހަގަކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުންވެސް މީގެ ކުރިން އެގޮތަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދީބާއި ޒިޔަތަކީ މީގެ ކުރިން ކުށް ސާބިތުވެފައިވާ މީހުންކަންވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، އަދީބާއި ޒިޔަތުގެ ހެކިބަސް ދަށު ކޯޓުން ނެގީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާއަކާ ހިލާފަށް ކަމަށްވެސް އެ ރައުޔުގައިވެ އެވެ.
"މި މައްސަލައިގައި ހެކިބަސް އަދާކޮށްފައިވާ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަކީ ޝަރީއަަތަށް ބަލައިގަނެވޭނެ އަދި އެ ހެކިބަހަށް އެއްވެސް ބުރަދަނެއް ދެވޭނެ ހެކިބަހެއް ނޫންކަން އެނގޭ އިރު އެ މީހުންގެ ހެކިބަސް ކްރިމިނަލް ކޯޓުން ބަލައިގަނެ، އެއަށް ބުރަދަން ދީފައި ވަނީ ސުޕްރީމް ކޯޓުގެ 2012/އެސްސީ-އޭ/1 ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ހިލާފަށްކަން އެނގެން އޮވޭ،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.
މިއަދުގެ ހުކުމް ކުރުމުގެ މަޖިލިސް ފަސް ގަޑިއިރަށް ވުރެ ދިގު ދެމިގެން ދިޔަ އެވެ. އަޑުއެހުމުގެ ބޮޑުބައި ހޭދަވީ ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވުމަށެވެ.