ސައުތު އޭޝިޔަން އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް (ސައީފް) އާއި އެ އިންސްޓިޓިއުޓުން ނެރޭ "ލާބަ" މަޖައްލާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ދަށަށް ގެންގޮސްފި އެވެ.

ސައީފް އަކީ އިސްލާމިކް ފައިނޭންސް އާއި އިސްލާމިކް ބޭންކިންގ އާއި ތަކާފުލާއި އިސްލާމިކް ކެޕިޓަލް މާކެޓާއި ޝަރީއާ ހުއްދަކުރާ ޓޫރިޒަމް ފަދަ އޭރިއާތަކުން ތައުލީމު ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ކޯސްތައް ހިންގުމާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ލިމިޓެޑްގެ ދަށުން 2016 ވަނަ އަހަރު އުފައްދައިފައިވާ އިންސްޓިޓިއުޓެކެވެ.

އިސްލާމީ ޔުނިވާސިޓީގެ ދަށަށް ސައީފް ގެންދިޔައީ 31 ޑިސެންބަރު 2020 ގައި އެވެ.

ނަމަވެސް ޔުނިވާސިޓީން ރަސްމީކޮށް ސައީފް އާ ހަވާލުވެފައި ވަނީ އެކަމަށްޓަކައި މިއަދު ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެގޮތުން ސައީފްގެ ހިންގުން ރަސްމީކޮށް ޔުނިވާސިޓީއާ ހަވާލުކުރެއްވީ މޯލްޑިވްސް ސެންޓާ ފޯއިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

އޭގެ އިތުރުން، ސައީފްގެ ފަރާތުން އަހަރަކު އެއްފަހަރު ނުވަތަ އެނޫންވެސް އެއްބަސްވެވޭ ގޮތަކަށް ނެރޭ "ލާބަ" މަޖައްލާގެ މަސައްކަތްތައްވެސް ޔުނިވާސިޓީގެ ދަށަށް ގެންދަން މިހާރު ވަނީ ނިންމައިފަ އެވެ.

އައިޔޫއެމް އިން ބުނީ ޔުނިވާސިޓީގެ ދަށަށް އެ އިންސްޓިޓިއުޓް ގެންދިއުމާ ގުޅިގެން އިސްލާމިކް ފައިނޭންސް އާއި އިގްތިސޯދާއި ވިޔަފާރީގެ ދާއިރާއިން ތަފާތު ފެންވަރުގެ ޕްރޮގްރާމްތައް ހިންގުމާއި ދިރާސާތައް ކުރުމާއި އާންމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ޔުނިވާސިޓީއަށް ލިބިގެންދާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އިންސްޓިޓިއުޓް ގެ މުހިންމަތުގެ މައްޗަށް ބިނާކޮށް މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން، އިސްލާމިކް ފައިނޭންސް އާއި އިގްތިސޯދާއި ވިޔަފާރީގެ ދާއިރާއިން ތަފާތު ފެންވަރުގެ ކޯސްތައް ހިންގުމާއި، އިސްލާމިކް ފައިނޭންސް އާއި އިގްތިސޯދާއި ވިޔަފާރީގެ ދާއިރާއިން ދިރާސާ ކުރުމާއި، އިސްލާމިކް ފައިނޭންސް އާއި އިގްތިސޯދާއި ވިޔަފާރީގެ ދާއިރާއިން ކުރުމުއްދަތުގެ ކޯސްތައް ހިންގުމާއި، އިސްލާމިކް ފައިނޭންސިންއާ މެނެޖްމަންޓްގެ ދާއިރާއިން ސެޓިފިކޭޝަން ޕްރޮގްރާމްތައް ހިންގުމާއި، މީގެ އިތުރުން، އިސްލާމިކް ފައިނޭންސް އާއި އިގްތިސޯދާއި ވިޔަފާރީގެ ދާއިރާއިން އާންމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ހިންގުމަށް ޔުނިވާސިޓީން އަމާޒުހިފާފައިވާ ކަމަށް އައިޔޫއެމް އިން ބުންޏެވެ.

އަދި ޔުނިވާސިޓީގެ ދަށަށް ގެންދިޔަ "ލާބަ" މަޖައްލާގެ ސަބަބުން އިސްލާމިކް ފައިނޭންސް އާއި އިގްތިސޯދާއި ވިޔަފާރީގެ ދާއިރާއިން މީހުން ހޭލުންތެރި ކުރުވުމާއި އިސްލާމީ މާލީ މުއާމަލާތުތައް ތައާރަފް ކުރުމާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިވެގެން ދިއުމުގެ ފުރުސަތު ޔުނިވާސިޓީއަށް ފަހިވެގެންދާނެ ކަމަށް ބުންޏެވެ.