21 Jan 2021, 14:13
ކޮލަމްބޯ (ޖެނުއަރީ 21): ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ސްރީލަންކާގެ ބޯޑަރުތައް ބަންދު ކުރިތާ 10 މަސް ފަހުން މިއަދު އެގައުމު ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ.
ލަންކާގެ ޓުއަރިޒަމް ޕްރޮމޯޝަން ބިއުރޯ (އެސްއެލްޓީޕީބީ) އިން ބުނި ގޮތުގައި އެގައުމުން ފަތުރުވެރިން ގެންދަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ފަހު އެވެ. އަދި އެ ފިޔަވަޅުތައް ޓެސްޓު ކުރުމަށްޓަކައި ފުރަތަމަ ޔޫކްރެއިން އިން 1،500 ފަތުރުވެރިން މިދިޔަ މަހު ގެންދިޔަ އެވެ.
ލަންކާއިން ވަނީ އެގައުމަށް ދާ ފަތުރުވެރިން ބޭތިއްބުމަށް 180 ހޮޓެލް ހާއްސަކޮށްފަ އެވެ. އަދި އެމީހުން ދަތުރު ކުރަން ޖެހޭނީ އާއްމު ރައްޔިތުންނާ ދިމާ ނުވާ ގޮތަށް "ޓްރެވެލް ބަބުލް"ތަކުގައި، 14 ޓުއަރިޒަމް ޒޯނަކަށް ކަމަށް ކަނޑައަޅާފަ އެވެ.
މީގެ އިތުރުން ހުރިހާ ފަތުރުވެރިން ލަންކާއަށް ދިޔުމުގެ 72 ގަޑި އިރު ކުރިން ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެ އެވެ. އަދި އެގައުމަށް ދިޔުމަށް ފަހު އިތުރު ޓެސްޓަކާއި ހަތް ދުވަސް ފަހުން އަނެއްކާވެސް ޓެސްޓެއް ހަދަން ޖެހޭނެ އެވެ.
ލަންކާގެ ސަރުކާރުން ބުނި ގޮތުގައި އެގައުމަށްދާ ފަތުރުވެރިޔަކަށް ކޮވިޑް ޖެހި، ބަލީގެ އަލާމާތްތައް ނުފެންނަ ނަމަ އެމީހަކު ހޮޓެލުގައި އެކަހެރި ކުރާނެ އެވެ. އަދި އަލާމާތްތައް ފެންނަ ނަމަ ހޮސްޕިޓަލަށް ގެންދާނެ އެވެ.
ލަންކާ ސަރުކާރުން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ މާޗް މަހު އެވެ. އަދި އެގައުމުގެ ޖީޑީޕީގެ ފަސް ޕަސެންޓަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ކަމުން، ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން އެގައުމުގެ އިގުތިސާދަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
ލަންކާގައި މިދިޔަ އޮކްޓޯބަރު މަހާ ޖެހެންދެން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 4،000އަށް ވުރެ މަދު މީހުންނެވެ. ނަމަވެސް އެ މަހު ކޮލަމްބޯއިން ވައިރަހުގެ ބޮޑު ކްލަސްޓާތަކެއް ފެނި، އޭގެ ފަހުން އެގައުމުގެ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 55،000އަށް ވުރެ އިތުރު ވެފަ އެވެ. އަދި އެގައުމުގައި މިހާތަނަށް ބަލީގައި 274 މީހަކު ވަނީ މަރުވެފަ އެވެ.