އިނގިރޭސި އެފްއޭކަޕް ކާމިޔާބު ކުރުމަށް މެންޗެސްޓާ ޔުނައިޓެޑް ކުރަމުން އައި މަސައްކަތަށް ލިވަޕޫލް އިން ހުރަސް އަޅައިފި އެވެ. ލިވަޕޫލްގެ އުންމީދު ތަކަށް ދިރުމެއް ގެނެސްދިނީ ބަދަލު ކުޅުންތެރިޔާ ޑާކް ކައުޓް އެވެ.

މެންޔުނައިޓެޑާއި ލިވަޕޫލް ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލް އިން ނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން މިލަނޑު ލިވަޕޫލް އަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޑެނިއަލް އަގާ އެވެ. ލިވަޕޫލް އިން ލީޑު ނެގުމުން މެންޔުނައިޓެޑުން ދިޔައީ ނަތީޖާ ހަމަހަމަ ކުރުމަށް ބުރަ މަސައްކަތެއް ކުރަމުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި މެންޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިޑްފީލްޑަރު ޕާކް ޖީ ސުންގް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލް އިން ގިނަ ބަދަލުތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން ލިވަޕޫލްގެ މެދުތެރެއަށާއި ކުރިއަށް ބޮޑު ބަދަލުތަކެއް ގެނައިކަން ފާހަގަ ކޮށްލެވެ އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލް އަށް އަލުން ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔާ ކައުޓް އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

އެފްއޭ ކަޕުގައި ރޭ ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރު) އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ހަނި ނަތީޖާއަކުން ޗެލްސީ ކާމިޔާބު ކޮށްފައި ވެއެވެ. މެޗުގެ ހަމައެކަނި ލަނޑު ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ހުއާން މަޓާ އެވެ. މަޓާ މިލަނޑު ކާމިޔާބު ކުރީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ.