ކޮވިޑް19 ވެކްސިން ރާއްޖެ އަށް ގެނައުމަށް އެސްޓްރަޒެނެކާ އާއެކު އެއްބަސްވުން އެކުލަވާލާ، ވެކްސިން ލިބޭނެކަން ޔަގީންވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރެޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ރާއްޖެއަށް 700،000 ޑޯޒްގެ ވެކްސިން މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ހަރަދުވާނީ ކިހާ ފައިސާއެއް ކަމެއް ހާމަ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑު ގުޅިގެން އުފައްދާފައިވާ ވެކްސިން އެކި ގައުމުތަކަށް ދޫކުރާނީ އެކި އަގުގަ އެވެ. އެގޮތުން ފަގީރު ގައުމުތަކަށް ވެކްސިން ދޫކުރާނީ މެދު ފަންތީގެ ގައުމުތަކަށްވުރެ ހެޔޮކޮށެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކަށް ދޫކުރާ އަގު އެއަށްވުރެ ބޮޑުވެދާނެ އެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒްގެ ވެކްސިން ގެންނާނެ ކަމަށް ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖެއިން ވަނީ އެސްޓްރާޒެނެކާ ކުންފުންޏާ ސީދާ އެގްރިމެންޓު ގައި ސޮއިކޮށްފައި 700،000 ޑޯޒް ވެކްސިން ގަތުމަށްޓަކައި. އޭގެ އިތުރަށްވެސް އެހެން ގައުމުތަކާޢެކު ވެސް އެބަ މަސައްކަތް ކުރެވޭ އަވަހަށް ވެކްސިން ލިބެނެ މަގެއް އޮތްތޯ ބެލުމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިން ކުރިއަށް ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ލިބޭނެ ކަމަށެވެ.

މަސައްކަތް ކުރަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގައި ހިމެނޭ ވެކްސިން ޖަހާ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ދިނުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ގަންނަން ނިންމައި ސަރުކާރުން ވަނީ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ސަސްޕެންޑު ކޮށްފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒް އިންޑިއާ އިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ. މި ވެކްސިން ޑޯޒްތައް އިއްޔެ ވަނީ ރާއްޖެ ގެނެސްފަ އެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި އަަޒާމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.