މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު ރޯއީ ކެރޯލް ގްރީސްގެ އޮލިމްޕިއާކޯސް އާއި ގުޅިއްޖެ އެވެ.

އޮލިމްޕިއާކޯސް އާއި ކެރޯލް ގުޅުނީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ނޮދަން އަޔަލެންޑްގެ ކީޕަރު ކެރޯލް ކުރިން ކުޅުނީ އޯއެފްއައި ކްރީޓް އަށެވެ. އޮލިމްޕިއާކޯސް އަށް ކުޅުމަށް ބޮޑު ޝައުގުވެރި ކަމެއް ހުރިކަމަށާއި ޔޫރަޕަށް އެނބުރި އާދެވުމުން އުފާކުރާ ކަމަށް ކެރޯލް ބުނެފައި ވެއެވެ.

"މިކުލަބަށް ކުޅެން ފުރުސަތެއް ލިބުމުން މިހިރީ ވަރަށް އުފާވެފައި. މިކުލަބަށް ކާމިޔާބީ ހޯދައިދޭން އަހަރެންނަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން. އޮލިމްޕިއާކޯސް އާއި އެކު ޔޫރޮޕާ ލީގުގައި ކުޅެ އެ މުބާރާތް ކުލަބަށް ހޯދައިދޭން އެހީވާނަން،" ކެރޯލް ބުންޏެވެ.

މެންޔުނައިޓެޑުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު 2005 ވަނަ އަހަރުން ފެށިގެން ކެރޯލް ގިނަ ކުލަބުތަކަކުން ފެނިފައި ވެއެވެ. އެގޮތުން ކެރޯލް ވަނީ ޑާބީ ކައުންޓީ އަށާއި، ޑެންމާކުގެ އޮޑެންސްގެ އިތުރުން ކްރީޓް އަށް ވެސް ކުޅެފަ އެވެ.