21 Jan 2021, 10:00
ބެއިޖިންގް (ޖަނަވަރީ 21) : އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ 28 މަސްއޫލުވެރިއަކާ ދެކޮޅަށް ޗައިނާއިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ޓްރަމްޕްގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކަމަށްވާ އިއްޔެގަ އެވެ. ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ޓްރަމްޕްގެ މަސްއޫލުވެރިންގެ ތެރޭގައި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ހިމެނިވަޑައިގަންނަވާ ކަމަށާ ޕޮމްޕެއޯ އަކީ މަކަރުވެރި ދޮގުވެރި އަދި ޗައިނާގެ ސިޔާދަތަށް އަރައިގަތުމަށާއި ޗައިނާގެ ދާޚިލީ ކަންކަމާ ބެހެމުންދިޔަ ނުރައްކާތެރި ބޭފުޅެއްކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހުވާން ޗުން ޔިންގް ސިފަކުރެއްވި އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހުވާން ޗުންޔިންގް
މި 28 ބޭފުޅުންގެ މައްޗަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ފަރުދީ ގޮތެއްގައި ކަމުން އެބޭފުޅުން މަގާމުން ވަކިވެވަޑައިގަތުމަށްފަހު ވެސް މިފިޔަވަޅުތައް ތަންފީޒު ކުރެވި ދެމިއޮންނާނެ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެ އެވެ. ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ޓްރަމްޕްގެ މަސްއޫލުވެރިންގެ ތެރޭގައި ޕޮމްޕެއޯގެ އިތުރުން ގައުމީ ސަލާމަތާ ބެހޭ ޓްރަމްޕްގެ މުސްތަޝާރު ރޮބަޓް އޮބްރައިން، ޓްރަމްޕްގެ ވިޔަފާރިއާބެހޭ މުސްތަޝާރު ޕީޓާ ނަވަރޫ، ސިއްހަތާބެހޭ ވަޒީރު އެލެކްސް އަޒާރު އދ.ގައި ހުންނަވާ ޓްރަމްޕްގެ މަންދޫބު ކެލީ ކްރާފްޓް ފަދަ އެމެރިކާގެ އިސް 28 މަސްއޫލުވެރިން ހިމެނިވަޑައިގަންނަވަ އެވެ.
މި 28 ބޭފުޅުންގެ އިތުރުން ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ޓްރަމްޕްގެ ސަރުކާރުގެ މަސްއޫލުވެރިންގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރުން މަގާމުން ދުރުކޮށްފައިވާ ހަރުކަށި ދެބޭފުޅުން ކަމަށްވާ ގައުމީ ސަލަމާތާ ބެހޭ ކުރީގެ މުސްތަޝާރު ޖޯން ބޯލްޓަންއާއި ޓްރަމްޕްގެ އެހެން މުސްތަޝާރެއް ކަމަށްވާ ސްޓީވަން ބައްނޫގެ މައްޗަށް ވެސް ޗައިނާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
މި ހުރިހާ ބޭފުޅުންނާ ދެކޮޅަށް ޗައިނާ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާގެ އެއްވެސް ސަރަހައްދަކަށް (ޗައިނާ، މަކާއޮ، ހޮންގްކޮންގް) ދަތުރުކުރުމުގެ ވިސާ އެބޭފުޅުންނާއި އެބޭފުޅުންގެ އާއިލާގެ އެއްވެސް މެންބަރަކަށް ނުދިނުމާއި ޗައިނާގައިވާ އެބޭފުޅުންގެ އެސެޓްތަކާއި މާލީ މުއަމަލާތްތައް ފްރީޒް ކުރުމާއި އެބޭފުޅުންގެ ކުންފުނިތަކުން ޗައިނާގެ ކުންފުނިތަކާއި ބެންކްތަކާ ވިޔަފާރީގެ އެއްވެސް މުއާމަލާތްތައް ހިންގުން މަނާކުރުން ހިމެނެ އެވެ.
ޗައިނާގެ ޚާރިޖި ވުޒާރާގެ ބަޔާން ބުނާ ގޮތުން އެގައުމުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ޓްރަމްޕްގެ ސަރުކާރުގެ މި މަސްއޫލުވެރިންނަކީ ޑިމޮކްރަސީގެ ނަމުގައި ހޮންގްކޮންގައި ހަމަނުޖެހުންތައް ހިންގައި ވަކިވެގަތުމަށް މަސައްކަތްކުރި ފަރާތްތަކަށް ހިއްވަރުދީ ހަމަނުޖެހުން ހިންގުމަށް ބާރުއަޅައި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް މަސައްކަތްކުރެއްވި ބޭފުޅުން ކަމަށް ޗައިނާ ބުނެ އެވެ. މީގެ އިތުރުން މިއީ ޗައިނާއާއި އެމެރިކާގެ ގުޅުންތައް ޚަރާބުކޮށް ދެގައުމުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތްކުރެއްވި ހަރުކަށި ބޭފުޅުން ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ސިފަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)