20 Jan 2021, 18:15
އަންނަ އޭޕްރިލް މަހު ބާއްވަން މަސައްކަތް ކުރަމުންދާ ލޯކްލަ ކައުންސިލް އިންތިހާބަށް އަތޮޅު ތެެރެއަށް ދަތުރު ކުރާއިރު ކަރަންޓީނު ވާން ނުޖެހޭ ގޮތް ހަދަން އިލެކްޝަންސް ކޮމިޝަނާއި ބައެއް ސިޔާސީ ޕާޓީޓަކުން އެދެފި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ބިލު ފާސްވުމާއެކު އެޗްޕީއޭގެ ފަރާތުން އިންތިހާބު ބާއްވާނެ ގޮތުގެ ގައިޑްލައިނުގެ ޑްރާފްޓެއް އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފަ އެވެ.
މިއަދު އެ ޑްރާފްޓާ މެދު އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާ ހޯދަން ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި، އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އެމްޑީއޭ އަދި އެމްއާރްއެމްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން އަމިއްލަ ޖަމިއްޔާތަކާއި އެޗްޕީއޭގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު "ސަން"އަށް ވިދާޅުވީ، ގައިޑްލައިން މިހާރު އޮތް ގޮތުން ހަމަހަމަކަމާ އެކީގައި ކެމްޕޭން ހަރަކާތްތައް ނުހިންގޭނެ ކަމާއި، އިލެކްޝަންސް ކޮމިޝަނަށް ހަރަދުބޮޑުވެގެން ހިނގައިދާނެކަން އެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުން ފާހަގަކުރެއްވި ކަމަށެވެ.
"ބައްދަލުވުމުގައި ވާހަކަ ދައްކާފައި ވަނީ ޕީޕީއެމްއާއި ޕީއެންސީއާއި އަދި އެމްޑީއޭގެ ފަރާތުން. އަދި އެމްޑީޕީގެ ފަރާތުން. މި ހަތަރު ޕާޓީއިންވެސް ފާހަގަ ކުރެއްވި، ސަރުކާރު ހިންގާ ޕާޓީއިންވެސް ފާހަގަކުރެއްވި ގައިޑްލައިން ހަދާފައި އޮތް ގޮތުން ހަމަހަމަކަމާ އެކީގައި ކެމްޕޭން ހަރަކާތްތައް ނުހިންގޭނެ ކަމާއި، އޭގައި ހުރި ބައެއް ކަންތައްތަކުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް ވަރަށް ހަދަރު ބޮޑުވެގެން ހިނގައިދާނެ ކަމާ،" ޝަރީފު ވިދާޅުވި އެވެ.
ގެއިން ގެއަށް ގޮސް ކެމްޕޭން ނުކުރެވޭ ގޮތަށް ގައިޑްލައިންގެ ޑްރާފްޓުގައި އޮތުމުން އެމްޑީޕީއިން އެކަމާ ކަންބޮޑުވުން ފާޅުކުރި ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
އޭގެ އިތުރުން، އިންތިހާބާ ބެހޭ ކަންކަމަށް އިލެކްޝަންސް ކޮމިޝަނާއި ޕާޓީތަކުން ރަށްރަށަށް ދާއިރު 10 ދުވަހަށް ކަަރަންޓީނުވާން ޖެހޭތީ އެކަމާ ގުޅިގެން އެ ކޮމިޝަނުންނާއި ޕާޓީޓަކުންވެސް ކަންބޮޑުވުން ފާޅުކުރި ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރުވެސް ސަރުކާރުގެ އިސް ބޭފުޅުން އެކި އިވެންޓުތަކަށް ރަށްރަށަށް ވަޑައިގެންނަވާއިރު ކަރަންޓީނުވާން ނުޖެހޭ ބީދައިން، އިންތިހާބަކީ މުހިންމު ކަމެއް ކަމަށް ބަލައިގެން، އިންތިހާބާ ބެހޭ ކަންކަމުގައި ރަށްރަށަށް ދާއިރު ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ގައިޑްލައިނަށް ބަދަލުގެންނަން ހުށަހެޅުއްވި ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުންވެސް ޕާޓީތަކުންވެސް ހުށަހެޅުއްވީ މިހާރުވެސް ސަރުކާރުގެ ބައެއް ކުންފުނިތަކާއި ވުޒާރާތަކުން ރަށްރަށަށް ދާ އިރުގައި ކަރަންޓީނު ވާން ނުޖެހޭ އަދި ޕީސީއާރް ނެގަޓިވް ޓެސްޓުވެސް ހަދަން ނުޖެހޭ. އެހެންވީމަ އެ އުސޫލުގެ ދަށުން މިއީ މުހިންމު ކަމެއް ގޮތުގައި ބަލައިގެން ހާއްސަ ގޮތަކަށް ބަލައިގެން ހުރިހާ އެންމެންނަށް ހަމަހަމަ ފުރުސަތެއް ލިބޭ ކަހަލަ ގޮތަކަށް އިންތިޒާމުކޮށްދޭށޭ މި ހަރަކާތްތައްވެސް،" ޝަރީފު ވިދާޅުވި އެވެ.
އަންނަ އާދީއްތަ ދުވަހާ ހިސާބު ކޮމިޝަނުން ގައިޑްލައިނަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ލަފާތައް އެޗްޕީއޭއަށް ފޮނުވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.