އާސެނަލް އާއި ލޯނުގެ ދަށުން ގުޅުނު ފޯވާޑް ތިއަރީ އޮންރީ އަށް ވާން ބޭނުންވާ ކަމަށާއި އޭނާ އާއެކު ފަރިތަކުރެވޭތީ އުފާކުރާ ކަމަށް އެކުލަބުގެ ޖަޕާން ފޯވާޑް ރިޔޯ މިޔޭޗީ ބުނެފި އެވެ.

އުމުރުން 19 އަހަރުގެ ފޯވާޑު މިޔޭޗީ ކުޑައިރުއްސުރެ ސަޕޯޓަކުރަމުންދާ އޮންރީ އާއެކު ފަރިތަކުރުމެއްގައި ބައިވެރިވެވޭނެ ކަމަށް އުންމީދު ނުކުރާކަމަށް ވެސް މިޔޭޗީ ބުނެފައި ވެއެވެ.

"އަހަރެން ކުރިން ހިއެއް ނުކުރަން އޮންރީ އާއެކު ފަރިތަކުރުމެއްގައި ވެސް ބައިވެރިވެވޭނެ ކަމެއް. އޮންރީ އަކީ އަހަރެން ކުޑަ އިރުއްސުރެ ސަޕޯޓުކުރަމުންދާ ކުޅުންތެރިއެއް. މިކަހަލަ ފުރުސަތެއް ލިބުނީތީ ވަރަށް އުފާކުރަން. އޭނާ އަކީ އެހެން ކުޅުންތެރިންނަށް ރަނގަޅު މިސާލެއް. އަހަރެން ބޭނުންވަނީ އޮންރީ ފަދަ ކުޅުންތެރިއަކަށް ވާން،" މިޔޭޗީ ބުންޏެވެ.

ނިއު ޔޯކް ބުލްސް އިން އާސެނަލް އަށް ލޯނުގެ ދަށުން ގުޅުމަށް ފަހު އޮންރީ ކުޅުނު ފުރަތަމަ މެޗުގައި އެޓީމަށް ކާމިޔާބީ ހޯދައިދީފައި ވެއެވެ.