21 Jan 2021, 10:04
ކާމިޔާބު އެކްޓަރު ސަލްމާން ޚާން ގެ ކުރިއަށް އޮތް ފިލްމު "ރާދޭ ޔުއާ މޯސްޓް ވޯންޓެޑް ބާއީ" މި އަހަރު ފިތުރު އީދުގައި އަޅުވާނެ ކަން ޔަގީންވެއްޖެއެވެ..
އިންސްޓަގްރާމްގައި ސަލްމާން ކުރި ޕޯސްޓެއްގައި ބުނީ މިފަދަ ދަނޑިވަޅެއްގައި ފިލްމުތައް ތިއޭޓާތަކުގައި ނޭޅުވުމުގެ ސަބަބުން އެތަން ހިންގާ މީހުންނަށް ވަރަށް މާލީ ގޮތުން ދަތިވާނެ ކަމަށާއި އެމީހުން އެހީތެރިވުމުގެ ގޮތުން ރާދޭ ތިއޭޓާތަކުގައި އަޅުވަން ނިންމައިފިކަމަށެވެ.
މި ފިލްމަކީ މިދިޔަ އަހަރުގ އީދުގައި ސްކްރީންކުރުމަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށް ސިނަމާތައް ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމާއެކު ފިލްމު އެޅުވޭނެ ގޮތް ބަންދުވީއެވެ.
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕާޓްނީ އަންހެން ލީޑު ރޯލު ކުޅޭ މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު"ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާ އެކު "ރާދޭ"ގައި ދެން ފެންނާނީ ރަންދީފް ހޫޖާ އާއި ޖެކީޝްރޯފް އަދި ގޯވިންދް އެވެ.