އޭސީ މިލާނުގައި ހުރެ ސަޕޯޓަރުން ހިތްހަމަ ޖައްސައިދީ ކުލަބުގެ އިތުބާރު ލިބޭނެ ފަދަ ކުޅުމެއް ދެއްކޭތޯ ބުރަ މަސައްކަތެއް ކުރާނެ ކަމަށް މިލާނާއި ލޯނުގެ ދަށުން ގުޅުނު އާޖެންޓީނާ ފޯވާޑް މެކްސީ ލޯޕޭޒް ބުނެފި އެވެ.

ކަޓަނިއާގެ ކުޅުންތެރިޔާ ލޯޕޭޒް މިލާނާއި ގުޅުނީ ހަ މަހުގެ ލޯނުގެ މުއްދަތަކަށެވެ. މިލާނުން ލޯޕޭޒް ހޯދުމުގެ މަސައްކަތް ފެށީ މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވުމާއި ގުޅިގެންނެވެ.

"އަހަރެން މިހިރީ ވަރަށް އުފާވެފައި. މިކަހަލަ ވަރުގަދަ ކުލަބަކަށް ކުޅެވޭތީ މިހިރީ ވަރަށް އުފަލުން. މިކުލަބުގެ ސަޕޯޓަރުންނަށް ސެލިއުޓްކޮށް އެމީހުން ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނަން،" ލޯޕޭޒް ބުންޏެވެ.

ކަޓަނިއާ އާއި 2010 ވަނަ އަހަރުގައި ގުޅުނު އުމުރުން 27 އަހަރުގެ ފޯވާޑް ލޯޕޭޒް ވަނީ މިސީޒަނުގައި އެކުލަބަށް ކުޅުނު ސާދަ މެޗުން ތިން ގޯލު ކާމިޔާބު ކޮށްދީފަ އެވެ.