20 Jan 2021, 14:46
ދިއްލީ (ޖެނުއަރީ 20): އިންޑިއާގެ ބާރަތު ބަޔޯޓެކްއިން އުފެއްދި ކޮވިޑް-19 ވެކްސިން ޖަހާ މީހުން އެމީހުންގެ ސިއްހީ މައްސަލައެއް ހުންނަ ނަމަ އެކަން ހާމަކޮށް، އެމީހުން ބޭނުން ކުރާ ބޭހާއި އެލާޖިކްވާ ތަކެތީގެ މައުލޫމާތު ޑޮކްޓަރުންނާ ހިއްސާކޮށް، ލަފާ ހޯދުމަށް އެ ކުންފުނިން އަންގައިފި އެވެ.
ބާރަތު ބަޔޯޓެކްއިން އެންގީ ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އެލާޖީތަކާއި ހުމާއި ލޭ މަނާ ކުރަން އުނދަގޫވާ ފަދަ ސިއްހީ މައްސަލަތައް ހުންނަ މީހުން ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރުންނަށް އެކަން އެންގުމަށެވެ.
ބާރަތު ބަޔޯޓެކްއިން ބުނި ގޮތުގައި އެ ވެކްސިން ޖެހުމުން ސީރިއަސް އެލާޖީތައް ތަހައްމަލު ކުރި މީހުންގެ ފަރާތުން ފެނުނު އަލާމާތްތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި މޫނާއި ކަރު ތެރެ ދުޅަވުމާއި ހިތް އަވަސްވުމާއި ފިތްގަނޑު ނެގުމާއި ބޯއެނބުރުމާއި ވަރުބަލިވުން ހިމެނެ އެވެ.
އިންޑިއާގެ ސަރުކާރުގެ އެހީއާ އެކު ބާރަތު ބަޔޯޓެކްއިން އުފެއްދި ކޯވެކްސިން އެގައުމުގައި ބޭނުން ކުރަން މި މަހުގެ ހަތަރެއްގައި ވަނީ ހުއްދަ ދީފަ އެވެ.
އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް ވީޖީ ސޮމާނީ ވިދާޅުވި ގޮތުގައި ކޯވެކްސިންއަކީ "ރައްކާތެރި އަދި އޭގެން ރަނގަޅު އިމިއުން ރެސްޕޮންސް"އެއް އުފައްދާ ވެކްސިނެކެވެ. އަދި އެ ވެކްސިންއަށް ހުއްދަ ދިނީ ކޮވިޑް ވެކްސިން ދިނުން އިތުރު ކުރެވޭނެ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެ ވެކްސިން ބޭނުން ކުރަން ހުއްދަ ދިނީ ވެކްސިންގެ ފަހު މަރުހަލާގެ ޓެސްޓުތައް ނުނިމެނީސް ކަމުން އިންޑިއާއަށް ފާޑު ކިޔުން އަމާޒުވި އެވެ. އަދި އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް އާއި ބާރަތު ބަޔޯޓެކް އިން ވަނީ ކޯވެކްސިންގެ ފަހު މަރުހަލާގެ ޓެސްޓުތައް ނިމުމުން އެ ވެކްސިންގެ ކާމިޔާބީއާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެފަ އެވެ.
ކޮވިޑް ވެކްސިންތަކާ ބެހޭ ގޮތުން އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ދިން އިރުޝާދުތަކުގެ ތެރޭގައި އެ އިދާރާއިން ވަނީ ކޮވިޑް ވެކްސިނެއް ޖެހުމުގެ ކުރިން، މީގެ ކުރިން އެހެން ބައްޔަކަށް ދީފައިވާ ވެކްސިންއަކަށް އެލާޖިކްވެފައިވާ ނަމަ އެކަން ޑޮކްޓަރުންނަށް އެންގުން މުހިއްމު ކަމަށް ބުނެފަ އެވެ.
އިންޑިއާއިން ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން އުފެއްދި ކޮވިޑް ވެކްސިން ވެސް އެގައުމުގައި ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އަދި އެސްޓްރާޒެނެކާއިން ވަނީ އެ ކުންފުނީގެ ވެކްސިން އިންޑިއާއަށާއި އެހެން ގައުމުތަކަށް ފޯރުކޮށްދެވޭ މިންވަރު އިތުރު ކުރުމަށް ޓަކައި، ވެކްސިން އުފައްދާ ކާރުހާނާއެއް ކަމަށްވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (ސީއައިއައި)އާ އެކު އެއްބަސްވުމެއް ހަދާފަ އެވެ. އަދި އިންޑިއާގައި ތައްޔާރު ކުރާ އެސްޓްރާޒެނެކާގެ ވެކްސިން އެންމެ ފުރަތަމަ އެކްސްޕޯޓު ކުރަން ހަމަޖެހިފައިވާ ގައުމަކީ ރާއްޖެ އެވެ.
އެސްޓްރާޒެނެކާ އާއި އޮކްސްފޯޑުން 24،000 މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ އެ ވެކްސިންގެ ފަހު ފިޔަވަހީގެ ޓެސްޓުތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން މިދިޔަ މަހު އެ ޔުނިވާސިޓީން ބުނި ގޮތުގައި އެ ވެކްސިންގެ އެވަރެޖު ކާމިޔާބީ 70 ޕަސެންޓަށް އަރަ އެވެ. އަދި އެ ވެކްސިން ބޭނުން ކުރަން ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި މެކްސިކޯ އާއި އާޖެންޓީނާ ހިމެނެ އެވެ.
އިންޑިއާއިން ވަނީ އެގައުމުގައި ކޮވިޑް ދެ ވެކްސިން ދިނުމުގެ ޕްރޮގްރާމް މިދިޔަ އާދިއްތަ ދުވަހު ފަށައިފަ އެވެ. އަދި އެގައުމުންމިހާތަނަށް 381،305 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ބުންޏެވެ. އެގައުމުން އުއްމީދު ކުރަނީ ޖުލައި މަހާ ހަމަޔަށް 300 މިިލިއަން މީހުންނަށް ވެކްސިން ދޭށެވެ. މައުލޫމާތު: އަލްޖަޒީރާ