އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިއީ އެ މުއްދަތު އިތުރު ކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން އިތުރު ކުރި މުއްދަތު ހަމަވީ، އިއްޔެ މެންދުރު 2:00 އަށެވެ.

އެ މުއްދަތު ހަމަވިފަހުން އިއްޔެ ހަވީރު އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު މާދަމާގެ ހަވީރު 4:00އަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، މިމަހު 30 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވާނެ އެވެ.

މިހާތަނަށް ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވިކަން ހާމަކުރެއްވީ، މިހާރުވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ މިމަހުގެ 13ގެ ނިޔަލަށް މެމްބަރެއްގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާ ބަލައިގެންފައިވާ، ޕާޓީގެ ކޮންމެ މެމްބަރަކަށެވެ.

އެ ޕާޓީން އެންމެ ފުރަތަމަ އިންތިހާބަށް އިއުލާން ކުރީ މިމަހު ދެ ވަނަ ދުވަހު އެވެ. އޭރު އިންތިހާބަށް ވާދަ ކުރި އިރު، ޕާޓީގެ ރައީސްކަމަށް އަންހެނުންނަށް ވާދަ ނުކުރެވެ އެވެ. އެހެން ނަމަވެސް ފަހުން އެ ޕާޓީ އަސާސީ ގަވައިދު އިސްލާހުކޮށް، އަންހެނުންނަށްވެސް ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް ހަދައި، މިމަހު ނުވަ ވަނަ ދުވަހުން އަލުން އިންތިހާބަށް ހުޅުވާލި އެވެ.