29 Jan 2012, 13:06
އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު މުޒާހަރާ ކުރަމުން އަންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ]އެމްއެމްއޭ[ ކުރިމަތިން އޮންނަ ސަރަހައްދުގައި ފެންސް ޖަހައި ބޭރު މަގު ބަންދު ކުރީ އެ ސަރަހައްދުގައި ފެރީ ޓާމިނަލެއް ހަދަން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އާ ލޯކަލް މާރުކޭޓާ ހަމައިން ފެށިގެން އެމްއެމްއޭއާ ހަމަޔަށް ފެންސް ޖަހާފައިވާ އިރު އެމްއެމްއޭ ކުރިމަތިން ބަންދު ނުކޮށް ވަނީ ތިން ފޫޓް ވަރުގެ ތަންކޮޅެކެވެ. އަދި އެމްޓީސީސީ ބިލްޑިން ކައިރިން މަގުގެ ދެބައިކުޅު އެއްބައި ވަނީ ބަންދުކޮށްފަ އެވެ.
މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ރަޝީދު މިއަދު ވިދާޅުވީ އެ ސަރަހައްދުގައި ޓާމިނަލް ހެދުމަށް ސިޓީ ކައުންސިލުން ވަރަށް ކުރީއްސުރެ ނިންމާފައިވާ ކަމަށާއި ފެންސް ޖަހަން ފެށީ ޓާމިނަލް ހެދުމަށް ބަޖެޓް ލިބުމުން ކަމަށެވެ. ނަމަވެސް ޓާމިނަލް ހެދުމުގެ މަސައްކަތް އެއްވެސް ބަޔަކާ އެކު ކޮންޓްރެކްޓްކޮށްފައި ނުވާނެ ކަމަށް ވެސް ސަމާހު ވިދާޅުވި އެވެ.
"އެ ސަރަހައްދު ބަންދުކުރީ ފެރީ 'ގިމަތަ'އެއް ހަދަން. އެތާ މަޑުކޮށްލެވޭނެ ގޮތް ހަދައި ފާހާނާތަކެއް ހެދޭނޭ. އޭރުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ. ޓާމިނަލް ހަދަން ކުރީއްސުރެ ވެސް ޕްލޭން ކޮށްފައި އޮންނާނީ. އެކަމަށް ބަޖެޓް ލިބުމުން މަސައްކަތް މި ފެށީ،" ސަމާހު ވިދާޅުވި އެވެ. "އެއްވެސް ބަޔަކާ ކޮންޓްރެކްޓެއް ނުކުރަން. އަޅުގަނޑުމެން ]ސިޓީ ކައުންސިލުން[ އަމިއްލައަށް، އަޅުގަނޑުމެންގެ މީހުން ނެރެގެން އަދި މަސައްކަތް ކުރިއަށް މިގެންދަނީ،"
ސަމާހު ވިދާޅުވީ އާ ޓާމިނަލް ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާލެވޭ ވަރު ވާނީ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް އެމްއެމްއޭ ކައިރީގައި ފެންސު ޖަހައި ބަންދުކުރީ އެ ސަރަހައްދުގައި މުޒާހަރާ ކުރާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ސިޓީ ކައުންސިލުން ފެންސް ޖެހުމުގެ މަސައްކަތް ފެށީ ވެސް ރޭގައި މުޒާހަރާ ކުރިއަށް ދިޔަ ވަގުތުގަ އެވެ. އަދި އެ ސަރަހައްދަކީ މާލޭގެ މަގުތަކުގެ ތެރެއިން އެއްމެ ބާރުބޮޑު އެއް ސަރަހައްދަށްވާ އިރު އެ މަގު އެއްކޮށް ކަހަލަ ގޮތަކަށް ބަންދުކުރުމުން އެ ސަރަހައްދުގައި ތޮއްޖެހުން ވަނީ އިތުރުވެފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ