ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާތީ، އެކަން ދިރާސާކުރުމަށް ނެގި ސާމްޕަލްތައް އިންޑިއާގެ ކޮޗިން ޔުނިވާސިޓީއަށް ފޮނުވައިފި އެވެ.

ރާއްޖޭގައި އާދަޔާ ހިލާފު ބާރުމިނެއްގައި ކަނޑޫފާތައް މަރުވާކަން ފާހަގަ ކުރެވެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ރަށްތަކުގެ ތެރޭގައި ހއ. ކެލާ އަދި ހދ. ނޭކުރެންދޫ ހިމެނެ އެވެ. އެ ރަށްތަކުގެ ކަނޑޫފާތަކުން ބޮޑު ސަރަހައްދުތައް މިހާރު ވަނީ އެއްކޮށް މަރުވެފަ އެވެ.

ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް، ކަނޑޫފާތަކުން ސާމްޕަލް ނަގައި އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ފޮނުވަން ނިންމާފައިވާ ކަމަށް މީގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިއާ އޮފިސަރު މިއަދު "ސަން"އަށް ވިދާޅުވީ، އެ ސާމްޕަލްތައް 21 ޑިސެމްބަރު 2020ގައި ފޮނުވާފައިވާ ކަމަށެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނި ގޮތުގައި ސާމްޕަލްތައް ނަގާފައި ވަނީ މައްސަލަ ދިމާވެފައިވާ ހަތް ރަށަކުންނާއި މައްސަލައެއް ދިމާވެފައި ނުވާ ކޮންޓްރޯލް ސައިޓަކުންނެވެ.

އީޕީއޭއިން ބުނީ، އުންމީދަކީ އެ ސާމްޕަލްތައް ނަގައި ހަދާ ދިސާއިން ރާއްޖޭގެ ކަނޑޫފާތައް މަރުވާ ސަބަބު ދެނެގަތުމާ ގާތަށް އާދެވޭނެ ކަމަށެވެ.

ކަނޑޫފާތަކުގެ ސާމްޕަލްތައް ކޮޗިން ޔުނިވާސިޓީއަށް ފޮނުވީ ރަށްރަށުގައި ތިބި ވޮލެންޓިއަރުންނާއި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީ ގުޅިގެން ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން މީގެ ކުރިން ވަނީ ކަނޑޫފާތައް މަރުވާ މައްސަލައާ ގުޅިގެން ކުކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މާހިރުންތަކަކާއެކު އޮންލައިން ބައްދަލުވުމެއްވެސް ބާއްވައި މަޝްވަރާކޮށްފަ އެވެ.