19 Jan 2021, 12:16
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ.
މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.
އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ.
އެކަމުގެ ސަބަބުން އިންތިހާބު ބާއްވަން ހުރަސް އެޅޭތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގަވެސް އިންތިހާބު ބޭއްވޭނެ ގޮތަށް ބޭވޭނެ ގޮތަށް ބިލު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ.
މަޖިލީހުން މިއަދު އެ ބިލު ފާސް ކުރީ، ވޯޓުގައި ބައިވެރި 38 މެމްބަރުންގެ ވޯޓާއެކު އެވެ.
މިހާރު ބިލު އޮތް ގޮތުން، އަދިވެސް މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ.
ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިރު، އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަން ކަމަށް ދީފައިވާ ބައެއް މުއްދަތުތައް ކުރު ކުރުމަށް އޮތީ ހިމަނާފައެވެ. އެގޮތުން އިންތިހާބުތަކާ ބެހޭ ގާނޫގައިވާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، އެ ޝަކުވާތަކަށް ޖަވާބު ދިނުމާއި ކޯޓަށް މައްސަލަ ހުށަހެޅުން ފަދަ ބައެއް މުއްދަތުތައް އޮތީ ކުރު ކޮށްފައެވެ.
އެހެން ނަމަވެސް ބިލު މަޖިލީހުން ފާސް ކުރީ އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް އެ މުއްދަތުތައް ކުރު ނުކޮށެވެ. އެހެން ކަމުން ކޮމިޝަނުން ދެން އިންތިހާބު ބާއްވަން ޖެހޭނީ، އިންތިހާބުތަކާ ބެހޭ ގާނޫނުގައި މިހާރުވެސް ހުރި މުއްދަތުތަކަށެވެ.
ބިލު ފާސް ކުރި ގޮތުން އިންތިހާބު ބޭއްވެން އޮތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ އުސޫލުތައް ހަތް ދުވަސް ތެރޭ ޑިރެކްޓާ ޖެނެރަލް އެކުކަވާލައި އާންމު ކުރަންޖެހެ އެވެ. އަދި އެސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެ ކަމަށް ބިލު ފާސް ކުރި އިރު ވަނީ ހިމަނާފައެވެ.
އެ ބިލަށް އަމަލު ކުރަން ފަށާނީ، ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގައި އިންތިހާބު ބޭއްވުމަށެވެ.