ނޭޝަނަލް ޑްރަގު އެޖެންސީގެ ސީއީއޯކަަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މީގެ ނުވަ އަހަރުކުރިން ވުޖޫދު ކުރި އެންޑިއޭގެ ސީއީއޯ ނެތި އެތަން ހިންގާތާ މިހާރު ހަތަރު މަސް ދުވަސްވެއްޖެ އެވެ.

އެ އެޖެންސީން މިއަދު ބުނީ، އެ މަގާމަށް މިހާރު މުހައްމަދު ހަބީބް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާއަކީ އިންޓަނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރި، ހަބީބް ވަނީ ލޯކަލް ގަަވަމަންޓް އޮތޯރިޓީއާއި ދިރާގު އަދި މެކްސްކޮމް ޓްރެއިނިންގައި މަސައްކަތްކޮށްފައެވެ.

އެންޑީއޭގެ ސިއީއޯއަކަށް އެންމެ ފަހުން ހުންނެވީ، ހަސަން ޝަހީލް އެވެ. މިދިޔަ ސެޕްޓެމްބަރު 27ގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ، މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް އޭނާއަށް އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށެވެ. އަދި ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރައި ބަދުނާމުކޮށް، ފުރައްސާރަކުރަމުން ދިޔަ ކަމަށްވެސް އޭނާގެ ބުނެފައިވެއެވެ.

ސީއީއޯ އިސްތިއުފާ ދިނުމުން އެތަން ވަގުތީގޮތުން ހިންގެވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފެވެ.

އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައިގަނޑު އިދާރާ އެވެ. އެތަނުގެ ސީއީއޯއަކަށް ބޭފުޅަކު އައްޔަންކޮށްފައި މި ވަނީ، ތިން ފަހަރެއްގެ މަތިން އިއުލާންކޮށްގެންނެވެ.

އެންޑީއޭއަށް ސީއީއޯއެއް ހަމަޖެއްސި އިރު، އެތަން ރަނގަޅަށް ހިންގަމުން ނުދާ ކަމަށާއި އެތަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން އެންޑީއޭގެ ރިފޯމް ކުރުމަށް ކެމްޕެއިނެއްވެސް ދަނީ ކުރަމުންނެވެ.