ރަޝިޔާގެ ކުލަބު އަންޒީއިން މެންޗެސްޓާ ޔުނައިޓެޑްގެ ބަލްގޭރިޔާ ފޯވާޑް ޑިމިޓްރީ ބާބަޓޯވް ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަން އެކުލަބުގެ ވަގުތީ ކޯޗު ރޮބާޓޯ ކާލޮސް ޔަގީންކޮށްދީފި އެވެ.

މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑުން މަޖުބޫރު ހާލަތެއްގައި ނޫނީ ބާބަޓޯވް ފެނިފައެއް ނުވެ އެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް ބާބަޓޯވް، މިދިޔަ ސީޒަން ނިންމާލީ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރެއެވެ. އެހެން ނަމަވެސް، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ބައިވެރި ކޮށްފައެއް ނުވެ އެވެ.

މިސީޒަނުގައި މެން ޔުނައިޓެޑްގެ ފޯވާޑް ލައިނުން އާންމު ގޮތެއްގައި ފެންނަމުން ދަނީ އިނގިރޭސި ފޯވާޑް ވޭން ރޫނީ އާއި މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް އެވެ. އެޓީމުގައި ހިމެނޭ އިނގިރޭސި ޒުވާން ފޯވާޑް ޑެނީ ވެލްބެކް އަށް ވެސް ބާބަޓޯވް އަށް ވުރެ ގިނައިން ކުޅުމުގެ ފުރުސަތު ލިބިފައި ވެއެވެ.

"ބާބަޓޯވް ހޯދުމަށްޓަކައި ހުށަހެޅުމެއް ހުށަހަޅާފައި ވާނެ. ބާބަޓޯވްގެ އިތުރުން ވެސް މިޑްފީލްޑަރަކާއި ޑިފެންޑަރެއް ހޯދުމަށް ވެސް އަހަރެމެން އެބަ މަސައްކަތް ކުރަން. ބާބަޓޯވް ހޯދުމަށް އަހަރެމެން މި މަސައްކަތް ކުރަނީ އޭނާގެ ހުނަރުވެރިކަމުން. އެއީ ގެއްލެމުންދާ މޮޅު ތަރިއެއް" ކާލޮސް ބުންޏެވެ.

މިދިޔަ ސީޒަނުގައި ގިނަ ގޯލުތަކެއް ކާމިޔާބުކުރި ބާބަޓޯވް މިސީޒަނުގައި ކުޅުނު މެޗުތަކުގައި އޭނާ އަކީ ގޯލާއި ރައްޓެހި ކުޅުންތެރިއެއް ކަން ސާބިތުކޮށްދެމުން ދެއެވެ.