08 Jul 2010, 10:11
14:30
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރު މިހާރު ވަނީ ޑިކްޓޭޓަޝިޕްގެ ހައްދުތަކުން ނައްޓައިގެންގޮސް، ފުލުހުންގެ ސްޓޭޓަކަށް ބަދަލުވެގެން ގޮސްފައި ކަމަށް ޑީއާރްޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފު މިހެން ވިދާޅުވީ، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޭންބަދުގައި ބަހައްޓަވާ، އަދި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހައްޔަރުކުރުމަށް ފުލުހުން ރެއިން ފެށިގެން ކުރަމުންދާ މަސައްކަތްތައް ކުށްވެރިކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ޝަރީފު ވިދާޅުވި ގޮތުގައި އެ މަސައްކަތްތަކަކީ ޤާނޫނު އަސާސީއާ ޚިލާފަށް ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދެއްކުމުގެ މަގުސަދުގައި ސަރުކާރުން ހިންގަމުންދާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ބޯލެނބުމެއް ނެތި، ހުރުމަތްތެރިކޮށް ހިތުމެއް ނެތި، ރައީސް ނަޝީދުގެ ސަރުކާރުންވަނީ ޑިކްޓޭޓަރޝިޕްގެ ހައްދުތަކުން ނައްޓައިގެންގޮސް، ޕޮލިސް ސްޓޭޓަކަށް ބަދަލުވެގެން ގޮސްފައި ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، އިސްތިއުފާދެއްވާފައިވާ ކެބިނެޓުގެ ވަޒީރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ ނުލައި އަލުން މަގާމުގެ ހުވާކުރެއްވި ކުރެއްވުމަކީ ސީދާ ޤާނޫނު އަސާސީއަށާއި ރައްޔިތުންނަށް ގޮންޖެއްސެވުން ކަމަށެވެ.