19 Jan 2021, 10:21
ރައްޔިތުންގެ މަޖިލީހުގެ މިއަދު 10:00 ގައި ބާއްވަން ތާވަލުކުރި ޖަލްސާ ކޯރަމް ހަމަ ނުވެގެން ލަސް ކުރަން ޖެހިއްޖެ އެވެ.
މިއަދުގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ތިން ވަނަ ޖަލްސާ އެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަނީ ކޯރަމް ހަމަ ނުވެގެން ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ގަޑިއަށް ހާޒިރުވި މެމްބަރުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން ވަނީ އިއްވާފަ އެވެ. މިއަދު މަޖިލީހަށް އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރެއްވެސް ހާޒިރު ނުވާ ކަމަށް އީވާ ވިދާޅުވި އެވެ.
އަނެއްކާވެސް އިތުރު 10 މިނެޓް ވަނީ ކޯރަމް ހަމަވޭތޯ ދީފަ އެވެ.
މިއަދު ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮއްވައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނޭ ގޮތަށް ހެދުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމާއި ވޯޓަށް އެހުމެވެ.
ކައުންސިލް އިންތިހާބު މެއި 10 ވަނަ ދުވަހުގެ ކުރިން ނުބޭއްވޭ ހާލަތެއް ކުރިމަތިވާ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭގޮތަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، މިހާރު އޮތް މުއްދަތުގައި ރޯދަ މާހާއި އިމްތިހާނުތައް އޮންނަ ދުވަސްވަރާ ދިމާވުމުން، އިންތިހާބު ފަސްކުރަން އަނެއްކާވެސް ޖެހިއްޖެ ނަމަ، އެ މުއްދަތުގައި އިންތިހާބު ނުބޭއްވިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އެހެން ކަމުން އޭނާ އެދިވަޑައިގެންނެވީ އެ މުއްދަތު އިތުރު ކުރުމަށެވެ.
އެހެން ނަމަވެސް އެކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ދެކޮޅު ހެއްދެވި އެވެ.
ކޮމިޓީން ފާސް ކުރީ، އެ ތާރީހަށް ބަދަލު ގެނައުމުގެ ބަދަލުގައި މެއި 10ގައި އިންތިހާބު ނުބޭއްވޭނަމަ، އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށެވެ. ކޮމިޓީގެ މެމްބަރުންގެ ވިސްނުމަކީ، ތާރީހަށް ބަދަލު ނުގެނެސް އެ ތާރީހުގައި އިންތިހާބު ނުބޭއްވިއްޖެ ނަމަ އަނެއްކާވެސް އެކަމަށް ގާނޫނީ ހައްލެއް ގެނައުމެވެ.