ވޮޝިންޓަން (ޖަނަވަރީ 19) : އެމެރިކާގެ ރައީސުލް މުންތަޚަބު ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތާ ދިމާކޮށް އެމެރިކާގެ އެތައް ހާސް ސިފައިން ވޮޝިންޓަންގެ މަގުތަކަށް ނެރެފައިވާއިރު އެމީހުން އެމެރިކާގެ އެތެރޭގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތްތޯ ބެލުމުގެ ޓެސްޓްތަކެއް ހެދުމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ނިންމައިފި އެވެ.

އެމެރިކާ ބައެއް ސިފައިން ހަރުކަށި ޖަމާއަތްތަކާ ގުޅުން އޮންނަކަމަށް ޝައްކުކުރެވޭ

ޕެންޓަގަންގެ ވެރިޔާ އަދި އެމެރިކާގެ ދިފާއީ ވަޒީރުގެ ބަދަލުގައި ހުންނެވި ކްރިސްޓިފާ މިލާ ވިދާޅުވީ އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ ބައެއްމީހުން އެމެރިކާގެ އެތެރޭގެ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާ ގުޅުން އޮންނަކަމުގެ ޖާސޫސީ މައުލޫމާތުތަކެއް ލިބިފައިވާކަމުގަ އެވެ. މަގުތަކަށް ނެރެފައިވާ ސިފައިން ގައުމަށް ވަފާތެރިކަން ޔަގީންކުރުމުގެ ޓެސްޓެއް ހަދަނީ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް އެމެރިކާގެ އެތެރޭގައި ހަމަނުޖެހުންތަކެއް ހިންގަފާނެކަމުގެ ބިރުއޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވޮޝިންޓަންގެ މަގުތަކަށް 25 ހާސް ސިފައިން

ވޮޝިންޓަންގެ މަގުތަކަށް މިހާތަނަށް 15،000 ސިފައިން ނެރެފައިވާ އިރު އިތުރު 10،000 ސިފައިން މިއަދު ނެރޭނެކަމަށާއި މީގެ ތެރޭގައި ހިމެނެނީ ނެޝަނަލް ގާޑުންގެ 21000 ސިފައިންނާއި އެމެރިކާގެ ހަނގުރާމަމަތީ ސިފައިންގެ މީހުންކަމަށް ޕެންޓަގަން އިން ބުނެއެވެ. ވޮޝިންޓަންގެ ގިނަ ސަރަހައްދުތަކުން މިހާރު ފެންނަނީ ބަރުހަތިޔާރާއި ސިފައިންނާއި ސިފައިންގެ އުޅަނދުތައް ޕެޓްރޯލްކުރާ މަންޒަރުތައް ކަމަށް މުރާސިލުން ބުނެ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރުގެ ބަދަލުގައި ހުންނެވި ކްރިސްޓިފާ މިލާ

އެމެރިކާ ސިފައިން ގައުމަށް ވަފާތެރިކަން ޔަގީންކުރުމުގެ ޓެސްޓް ހަދާގޮތުގެ ތަފްސީލް ޕެންޓަގަން އިން ދީފައި ނުވިނަމަވެސް އެކަން ކުރަނީ އެމީހުންގެ ސޯޝަލް މީޑީއާ މެދުވެރިކޮށް ކޮންޓެކްޓްވާ ފަރާތްތަކާއި ޖަމާއަތްތައް ދެނެގަނެގެންކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް އިންޒާރު ދިން ޓްރަމްޕްގެ ސަޕޯޓަރު ހައްޔަރުކޮށްފި

ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ވަގުތާ ދިމާކޮށް ލޭ އޮހޮރުވުމެއް ހިނގައިފާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ޖަމާއަތެއްކަމަށްވާ "ކައުބޯއީސް ފޯ ޓްރަމްޕް" ނަމަކަށް ކިޔާ ދޮންމީހުންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއްގެ ލީޑަރު ކުއީ ގްރިފިން ވަނީދީފަ އެވެ. ގްރެފިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މާދަމާ ވޮޝިންޓަންގެ ގަޑިން މެންދުރު 12 ޖަހާއިރު (ރާއްޖޭގެ ގަޑިން ރޭގަނޑު 10 ޖަހާއިރު) ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިރަސްމިއްޔާތާ ދިމާކޮށް އެމެރިކާ ސިފައިން ހިންގަމުން ގެންދާ ސަލާމަތީ އޮޕަރޭޝަންގައި އިއްޔެ ވަނީ ހަތިޔާރާއެކު މީހަކު ހައްޔަރުކޮށްފަ އެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ކޮންގްރެސް އިމާރާތް ކަމަށްވާ ކެޕިޓޯލް އާ ކައިރި ހިސާބެއްގައި ގާއިމްކޮށްފައިވާ ޗެކް ޕޮއިންޓަކުންނެވެ.

ކޮންގްރެސް އިން ވަގަށްނެގި ލެޕްޓޮޕެއް ރަޝިއާގެ ޖާސޫސަކަށް ވިއްކާލުމުގެ ބިރު

މީގެ އިތުރުން މިމަހުގެ 6 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތް ކަމަށްވާ ކެޕިޓޯލް އަށް އަރައިގަނެ ހިންގި ހަމަނުޖެހުންތަކުގައި އެތަނުން ލެޕްޓޮޕެއް ވަގަށް ނަގައިގެން އުޅުނު އަންހެނަކު ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހާ އެ ލެޕްޓޮޕް ވަގަށްނެގީ ކޮންގްރެސްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީގެ އޮފީހުން ކަމަށާއި އެމީހާ ރާވާފައިއޮތީ އެލެޕްޓޮޕް ރަޝިއާގެ ޖާސޫސަކަށް ވިއްކާލަން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ވަގުތު ވައިޓް ހައުސްއާއި، ކެޕިޓޯލްގެ އިތުރުން ލިންކަން މެމޯރިއަލް އާއި ވޮޝިންޓަން މޮނިއުމެންޓް ހިމެނޭ ނެޝަނަލް މޯލް ސަހަރައްދު (އެމެރިކާގެ ގްރީން ޒޯން) އެއްކޮށް ބަންދު ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު ވެސް ވައިޓް ހައުސް އާއި ކޮންގްރެސްގެ އިމާރާތް ހިމެނޭ ސަރަހައްދު ހީވަނީ ހަނގުރާމައިގެ މައިދާނެއް ހެންނެވެ.

ސިފައިންނާއި އަސްކަރީ ވެހިކަލްތަކާއި ހަތިޔާރު ވަނީ އެސަރަހައްދުގައި ރުކުރުވާލާފަ އެވެ. ކޮންގްރެސްގެ އިމާރާތް ހުންނަ ސަރަހައްދުގައި ވަނީ ހަނގުރާމައިގެ ޙަމަލާތަކުން ސަލާމަތްވުމަށް ޖަހާބާވަތުގެ ބެރިކޭޑްތައްޖަހައި ނަރުދަލާއި ކަށިނަރު ދަމައި އެއްކޮށް ބަންދުކޮށް ވެހިކަލްތަކަށް އެ ސަރަހައްދަށް ނުވަދެވޭނެ ގޮތް ހަދައިފަ އެވެ.

(ނޫސްއެޖެންސީތައް)