ކެލިފޯނިއާ (ޖަނަވަރީ 19) : އެމެރިކާއިން އުފެއްދި ކޮވިޑް-19 ގެ ދެ ވެކްސިންގެ ތެރެއިން މޮޑާނާ ވެކްސިން ޖެހި އެތަށް ބަޔަކަށް އެލާޖީގެ ތަފާތު މައްސަލަތައް ކުރިމަތިވަމުންދަތީ ކެލިފޯނިޔާ އެވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ކެލިފޯނިޔާގެ ލޯކަލް ސަރުކާރުގެ ސިއްހަތާބެހޭ އިދާރާއިންބުނިގޮތުގައި މޮޑާނާ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލަން އެންގީ އެ ސްޓޭޓުގެ ޕަބްލިކް ހެލްތް އެޕިޑެމިއޮލޮޖިސްޓް ޑރ. އެރިކާ ޕޭންއެވެ. ވެކްސިން ޖެހުން ހުއްޓާލަން ޑރ. ޕޭން އެންގެވީ އެ ވެކްސިން އުފެއްދި ކުންފުނި ކަމަށްވާ މޮޑާނާ ކުންފުންޏާއި، އެމެރިކާގެ މައި ސަރުކާރުގެ ޕަބްލިކް ހެލްތާބެހޭ ދެއިދާރާ ކަމަށްވާ "ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް" (ސީޑީސީ) އާއި "ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން" (އެފްޑީއޭ) އިން އެލާޖީގެ މިމައްސަލަބަލައި ތަހްގީގްކުރުމަށްފަހު އޭގެ ސަބަބު ބަޔާންކޮށް ރިޕޯޓް ނެރެންދެން ކަމަށް ކެލިފޯނިޔާގެ ލޯކަލް ސަރުކާރުގެ ސިއްހަތާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ކެލިފޯނިއާގައި ވެކްސިން ޖެހުން މެދުކަނޑާލުމަށް ޑރ. ޕޭން އެންގެވި ބަޔާނުގައި މިއީ އާންމުންގެ ސިއްހަތު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށާ ވެކްސިންގެ އިތުބާރު ނަގާލުމަށް ނިންމި ނިންމުމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މޮޑާނާ ވެކްސިން ޖެހި މީހުންގެ ތެރޭން ބައެއްމީހުންނަށް އެލާޖީގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވެއެވެ. އެލާޖިކް ވެގެން ހޮސްޕިޓަލްތަކުން އެތަށް ބަޔަކު ފަރުވާ ހޯދިކަމަށްވެއެވެ. އެކި މީހުން އެލާޖިކްވެފައިވަނީ އެކި ކަންކަމުގައެވެ. މީގެތެރޭގައި ނޭވާ ހާސްވުންވެސް ހިމެނެއެވެ.

ކެލިފޯނިޔާއަކީ އެމެރިކާގެ އެންމެ މުއްސަނދި އަދި އެންމެ އުފެއްދުންތެރި ސްޓޭޓްއެވެ. ކެލިފޯނިޔާގައި 3 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 30 ހާހަށްވުރެ ގިނަމީހުން ވަނީ އެބަލީގައި މަރުވެފައެވެ. މިކަމުގެ ނޭދެވޭއަސަރު އެސްޓޭޓްގެ އިގްތިސާދަށްވަނީ ވަރަށް ބޮޑަށް ކޮށްފައެެވެ.

ކެލިފޯނިޔާގައި މިމަހުގެ 15 ވަނަދުވަހުގެ ކުރިން 3.5 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ހިފާފައިވީނަމަވެސް މިހާތަނަށް ވެކްސިން ދެވިފައިވަނީ މިލިޔަނެއްހާ މީހުންނަށެވެ. މޮޑާނާ ވެކްސިންއަށް މިމައްސަލަ ދިމާވިނަމަވެސް އެމެރިކާއާއި ޖަރުމަނު ގުޅިގެން އުފެއްދި ފައިޒާ ވެކްސިން ޖެހުމުގެ ކަންތައް ހުއްޓުމެއްނެތި އެމެރިކާގައި ކުރިޔަށް ގެންދެއެވެ. (ނޫސްއެޖެންސީތައް)