19 Jan 2021, 08:40
ދެހާސް ފަނަރަ ވަނަ އަހަރު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން ޖެޓް ފިއުލް ވަގަށް ނެގި މައްސަލައާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއިން ވަކިކުރި ދެ މީހަކަށް އަލުން ވަޒީފާދީ، އެ ދެމީހުންނަށް މާލީ ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ވަޒީފާއިން ވަކިކުރީ އެމްއޭސީއެލްގެ ސީނިއާ ފިއުލްޕާމް އޮޕަރޭޓަރު (ލެވެލް 1)ގައި ވަޒީފާ އަދާކުރަމުން ދިޔަ އާދަމް ޒަމީލް އާއި ރިފިއުލާ އޮޕަރޭޓަރު (ލެވެލް 8) ގައި ވަޒީފާ އަދާކުރަމުން ދިޔަ މުހައްމަދު އަބްދުﷲ އެވެ.
އެ ދެމީހުން ވަޒީފާއިން ވަކިކުރީ ހަތަރެއް ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އިތުރު ބަޔަކާ ބައިވެރިވެގެން އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލްގެ ފަރާތުން ގާއިމުކޮށްފައިވާ ފިއުލް ސާވިސް ޑިޕާޓްމަންޓުގެ ވެހިކަލްތަކެއް ގަވާއިދާ ހިލާފަށް ބޭނުންކޮށް، ކުންފުނީގެ ފަރާތުން މަތިންދާބޯޓަށް އެޅުމަށް ބޭނުންކުރާ ޖެޓް ފިއުލް ރައްކާކޮށްފައި ހުރި ބައުޒަރަކުން 19،000 ލީޓަރުގެ ޖެޓް ފިއުލް ވަގަށް ނަގައި އެއާޕޯޓުން ބޭރުކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އެ ދެމީހުންނަށް ތުހުމަތުކުރެވޭ މައްސަލައިގައި ވަކި ގޮތެއް ނުނިމެނީސް، ދެ މީހުން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ވަޒީފާއިން ވަކިކޮށް އެމްއޭސީއެލް އިން އެ ދެމީހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ ވައްކަމުގައި އެމީހުން ބައިވެރިވާކަމަށް ފުލުހުންގެ ތަހުގީގުން ހާމަވާކަމަށް ފުލުހުން އަންގާފައިވާ ކަމަށާއި، އެފަދަ މައްސަލަތަކުގައި މުވައްޒަފުން ބައިވެރިވުމަކީ ކުންފުނީގެ ޕޮލިސީތަކާއި އުސޫލުތަކާ މުޅިން ހިލާފު ކަމަކަށްވާތީ އަދި އެފަދަ މީހަކު ވަޒީފާގައި ބަހައްޓައިފި ނަމަ، ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަ ކަމަށެވެ.
ނަމަވެސް ޒަމީލް އާއި މުހައްމަދު ވަނީ އެމީހުންގެ މައްޗަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ. އަދި ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށާއި، ވަޒީފާ އަލުން ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި އެމީހުންގެ ފަރާތުން ވަކިވަކިން ވަނީ އެ މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅައިފަ އެވެ.
ޒަމީލް ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލް އިން މައްސަލަ ނިންމީ އޭނާއާ ދެކޮޅަށެވެ. ޓްރައިބިއުނަލް އިން ބުނެފައި ވަނީ، ވައްކަމުގައި އޭނާ ބައިވެރިވާކަން ސާބިތުވާތީ، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކޮށްދީފައި ނުވާތީ، ބަދަލުގެ ގޮތުގައި 6200 ރުފިޔާ ނަގައިދިނުމަށް މައްސަލަ ބެލި މަޖިލީހުން ވަނީ އެމްއޭސީއެލް އަށް އަންގައިފަ އެވެ.
ޓްރައިބިއުނަލްގެ ނިންމުން އެމްއޭސީއެލް އިން ވެސް އަދި ޒަމީލްގެ ފަރާތުން ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެމްއޭސީއެލް އިން އެ ނިންމުން އިސްތިއުނާފު ކުރީ ބަދަލުގެ ގޮތުގައި ދޭން އެންގި 6200 ރުފިޔާ އަކީ އެކުންފުނިން ޒަމީލް އަށް ނަގައިދޭން ޖެހޭ ފައިސާއެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލައިގައި ހައިކޯޓުން ނިންމީ، އިތުރު ގޮތެއް ކަނޑައެޅެން ނެތް ކަމަށެވެ.
ޒަމީލްގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން ނިންމީ، ޒަމީލް ވަޒީފާއިން ވަކިކުރި އިރު ހުރި މަގާމަށް، ނުވަތަ އެއާ އެއް ފެންވަރުގެ މަގާމަކަށް ފަހެއް މާޗު 2019 ވަނަ ދުވަހުން ފެށިގެން އަނބުރާ އިޔާދަކުރުމަށާއި އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމުގައި ނުބެލުމަށާއި އޭނާ ވަޒީފާގައި ހުރި ނަމަ ލިބެންޖެހޭގެ މުސާރަ އާއި އިނާޔަތްތަކާއި ހައްގުތައް ވަކި މުއްދަތެއްގެ ތެރޭގައި ހަމަޖެއްސުމަށެވެ.
ހައިކޯޓުން އެގޮތަށް ނިންމީ، ވައްކަމުގައި ޒަމީލް ބައިވެރިވިކަމަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުނުކުރެވޭތީ އާއި، އޭނާ ވައްކަން ކުރިކަމަށް ކަނޑައެޅުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާތީ އާއި ސީސީޓީވީން ފުޓޭޖުން ފެންނަނީ ޒަމީލުކަން ކަށަވަރުކޮށްދެވިފައި ނުވާތީ އާއި ތުހުމަތު ކުރެވުނު މައްސަލައިގައި ޖަވާބުދާރީވާން ފުރުސަތު ނުދީ މައްސަލަ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރުމެއް ނެތި އޭނާ ވަޒީފާއިން ވަކިކޮށްފައި ވާތީ، އިޖުރާއި އަދުލުވެރުކަން ގާއިމުކޮށްފައި ނުވާތީ އެވެ.
މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލް އިން މައްސަލަ ނިންމީ އޭނާއާ އެއްކޮޅަށެވެ. ވައްކަމުގައި އޭނާ ބައިވެރިވި ކަމަށް ސާބިތުވާވަރަށް ހެކި ލިބިފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލް އިން ނިންމި އެވެ. ނަމަވެސް އެމްއޭސީއެލް އާއި އޭނާއާ ދެމެދު އޮންނަން ޖެހޭ އިތުބާރު ގެއްލިފައި ވާތީ، ވަޒީފާ އަލުން އިޔާދަކުރުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށް ނުފެންނަ ކަމަށާއި ނަމަވެސް ބަދަލުގެ ގޮތުގައި 60،405 ރުފިޔާ އެއްފަހަރާ ނަގައިދިނުމަށް ޓްރައިބިއުނަލް އިން ވަނީ ކަނޑައަޅައިފަ އެވެ.
ޓްރައިބިއުނަލްގެ އެ ނިންމުން މުހައްމަދުގެ ފަރާތުންނާއި އެމްއޭސީއެލްގެ ފަރާތުން ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެމްއޭސީއެލް އިން ހުށަހެޅި އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން ނިންމީ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް މުހައްމަދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން ނިންމީ، މުހައްމަދު ވަޒީފާއިން ވަކިކުރި އިރު ހުރި މަގާމަށް، ނުވަތަ އެއާ އެއް ފެންވަރުގެ މަގާމަކަށް ފަހެއް މާޗު 2019 ވަނަ ދުވަހުން ފެށިގެން އަނބުރާ އިޔާދަކުރުމަށާއި އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމުގައި ނުބެލުމަށާއި އޭނާ ވަޒީފާގައި ހުރި ނަމަ ލިބެންޖެހޭގެ މުސާރައާއި އިނާޔަތްތަކާއި ހައްގުތައް ވަކި މުއްދަތެއްގެ ތެރޭގައި ހަމަޖެއްސުމަށެވެ.
އެމްއޭސީއެލް އިން ވަނީ ދެ މައްސަލައިގައި ވެސް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ދެ މައްސަލަ ވަކިން ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ދެ ހުކުމްގައި ބުނެފައި ވަނީ، އެ ވައްކަމުގައި އެ ދެމީހުން ވެސް ބައިވެރިވިކަމަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަތަކުގައި ހައިކޯޓުން ކޮށްފައިވާ ދެ ހުކުމް ބާތިލްކޮށް، ޒަމީލް އާއި މުހައްމަދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ، އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ދެމީހުންގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށާއި ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ އަސާސީ މުސާރައިގެ ގޮތުގައި މުހައްމަދު އަބްދުﷲ އަށް 33،600 ރުފިޔާ އަދި އާދަމް ޒަމީލަށް 37،200 ރުފިޔާ ދެއްކުމަށް އެމްއޭސީއެލްގެ މައްޗަށް އަމުރުކޮށް ވަނީ މައްސަލަ ނިންމައިފަ އެވެ.