29 Jan 2012, 12:58
ޗެލްސީ އަށް ކުޅެމުންދިޔަ ބްރެޒިލް ޑިފެންޑަރު އެލެކްސް ފްރާންސްގެ ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) އާއި ގުޅިފައިވާކަން އެކުލަބުގެ ކޯޗު ކާލޯ އެންޗެލޮޓީ ޔަގީންކޮށްދީފަ އެވެ.
ޕީއެސްޖީ އާއި އެލެކްސް ގުޅުމަށް ފަހު، މެޑިކަލް ޓެސްޓުގައި ބައިވެރިވެފައިވެ ޕްރެސް ކޮންފަރެންސެއްގައި ވަރަށް އަވަހަށް އެލެކްސް ބައިވެރިވާނެ ކަމަށް ވެސް އެންޗެލޮޓީ ބުނެފައި ވެއެވެ.
"އެލެކްސް އަކީ މިހާރު ޕީއެސްޖީގެ ކުޅުންތެރިއެއް. ވަރަށް އަވަހަށް އެލެކްސް ނޫސް ވެރިންނާއި ބައްދަލުކޮށް، ޕީއެސްޖީ އާއި ގުޅުނުކަން ކަށަވަރު ކޮށްދޭނެ،" އެންޗެލޮޓީ ބުންޏެވެ.
އުމުރުން 29 އަހަރުގެ އެލެކްސް އަށް ޕީއެސްޖީ އިން ހަ މިލިޔަން ޕައުންޑްގެ އަގެއް ހުށަހެޅިކަމަށް ރިޕޯޓްތައް ބުނަމުން ދެއެވެ. ޗެލްސީގެ ކޯޗުކަމާއި އަންދުރޭ ވިޔަސް ހަވާލުވި ފަހުން، އެލެކްސް އަށް އެޓީމުން ޖާގަ ހޯދުން ވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ.
"ޕީއެސްޖީ އަށް އެލެކްސް ލިބުން ވެގެންްދިޔައީ ބޮޑު އުފަލަކަށް. މިއީ އެލެކްސްގެ ބޭނުން ޓީމަށް ޖެހިފައިވާ ވަގުތެއް. އަހަރެން އެލެކްސް ވަރަށް ރަނގަޅަށް ދަންނަން. އޭނާ އަކީ ވަރުގަދަ މޮޅު ކުޅުންތެރިއެއް. އޭނާ އަކީ ގިނަ ލީގުތަކަކަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރެއް." އެންޗެލޮޓީ ބުންޏެވެ.