29 Jan 2012, 12:52
ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އަދި ސަރުކާރުގެ މެނިފެސްޓޯގެ ވެސް ވިސްނުމަކީ ކުޑަކުދިންގެ ހިޔާތަކުގައި ކުދިން ނުބޭތިއްބުން ކަމަށާއި ވީވަރަކުން ގޭގޭގައި ކުދިން ބޭތިއްބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކަށް އަމާޒުކޮށްގެން "ސްޓޭކް ހޯލްޑާ ކޮންފަރެންސް އިން ޗިލްޑްރަންސް ޝެލްޓާޒް 2012"ގެ ނަމުގައި އާކްއިން މިއަދު ފެށި ކޮންފަރެންސް އިފްތިތާހު ކޮށްދެއްވުމަށް މޫކައި ސުއިޓްސްގައި އޮތް ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މި އަހަރު ކުރިއަށް ނެރޭ ވިސްނުމަކީ އދ. ކަހަލަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ރާއްޖެ އަށް ހަރަދުކުރުމަށްދޭ ފައިސާ ސަރުކާރު މެދުވެރިކޮށް، ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް ހޭދަކުރުމުގެ ބަދަލުގައި ޖަމިއްޔާތަކަށް އެ ފައިސާ ދީގެން އެ ޖަމިއްޔާތައް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މުޖުތަމައު ނެރެން ބޭނުންވާ ނަތީޖާ ނެރުން ކަމަށެވެ.
ޔަތީމު ކުދިންނަށް އެހީވުމަށް ވުރެ މާތް، ވަކިން ސޯލިހު އަމަލެއް ނުވިސްނޭ ކަމަށާއި އެކަނިވެރި މައިންނަށް ކޮންމެ މަހަކު މާލީ އެހީތެރިކަމެއް ދެއްވަމުން އަންނަ ކަމަށާއި އެކަމުގެ ބޭނުމަކީ ޔަތީމު ކުދިން ރަނގަޅު ގޮތުގައި ނެރުން ކަމަށެވެ.
"ސަރުކާރުން މިހާރު އެބަގެންދަން އެކަނިވެރި މައިންގެ ތެރެއިން 2524 މައިންނަށް ކޮންމެ މަހަކު މާލީ އެހީތެރިކަން ދެމުން. މީގެ ބޭނުމަކީ ޔަތީމު ކުދިން އަޅާނުލާނެ [ބައެއްގެ ގޮތުގައި[ މަގުމައްޗަށް ނުކުތުމަ ނުދިނުން. އަދި ޔަތީމު ކުއްޖެއް ބަލަހައްޓަންޏާ އެ ބެލެނިވެރިއަކަށް ސަރުކާރުން އެބަދޭ އެ ބެލެނިވެރިއަކަށް 2000ރ. އެގޮތުން އެބަ ބެލެހެއްޓޭ 4484 ޔަތީމް ކުދިން." ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ސަރުކާރުގެ ތިން ވުޒާރާގެ ދަށުން ބަލަހައްޓަމުން އަންނަ ތިން މަރުކަޒެއްގެ ތިން މިނިސްޓަރަކު ވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.
ފޭދޫ ފިނޮޅުގައި ހުންނަ ކަރެކްޝަނަލް ޓްރެއިނިން ސެންޓަރު ފޯ ޗިލްޑްރަން (ސީޓީސީސީ) އާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވީ ގިނަ ކުދިން އެ ސެންޓަރަށް ގެންގޮސްފައި ވަނީ ރަށްރަށުން ރަނގަޅު ތައުލީމެއް ހޯދުމުގެ ބޭނުމުގައި ފޮނުވުމުން އެ ކުދިން ބަލަން ޖެހޭ ފަރާތްތަކުން އަޅާ ނުލެވުމުން ކަމަށެވެ.
ހެލްތު ނިސްޓަރު އާމިނަތު ޖަމީލު ވިދާޅުވީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔަލަށް ފުރަތަމަ ގެނަންފެށީ އުމުރުން ނުވަ އަހަރަށް ވުރެ ތުއްތު ކުދިން ކަމަށާއި ނަމަވެސް މިހާރު އެ ސެންޓަރުގައި އުމުރުން 17 އަހަރުގެ ކުދިންނާއި 21 އަހަރުގެ މީހަކު ވެސް އެބަ ހުރި ކަމަށެވެ. އަދި ތަފާތު އުމުރުގެ ކުދިން އުޅުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި އެކަމާ ވަރަށް ވިސްނަމުން އަންނަ ކަމަށާއި އެކަމަށް ޓަކައި އާކް ފަދަ ޖަމިއްޔާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ މާފުށީގައި ހުންނަ އެޑިއުކޭޝަން ޓްރެއިނިން ސެންޓަރު ފޯ ޗިލްޑްރަންސް (އީޓީސީސީ) ހިންގުމަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
އާކްއިން ބުނި ގޮތުއި ރާއްޖޭގައި ހިންގަމުން އަންނަ ތިން ސެންޓަރުގައި ޖުމްލަ 120 ކުދިން ތިބޭ ކަމަށެވެ. އަދި އެ މަރުކަޒުގައި ތިބި ކުޑަކުދިންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކަކާއި ކުދިންނަށް އަމާޒުކޮށްގެން އެ ކުދިންގެ ކިޔެވުމަށާއި ކުޅިވަރާއި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހި ކޮށްދޭ ޕްރޮގްރާމްތަކެއް ހިންގުމަށް އެހީދޭ ފަރާތްތަކާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތެއް މިއަދު އޮންނާނެ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ