ކޮކަޑިކޭ މީދާ ވާރޭފެން ބޮއިގެން ގަދަވި ބީދައިން ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މައްޗަށް ގަދަވުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި އެ ފުރުސަތު ނުދިނުމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ރޭ ގޮވާލައްވައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާ ރޭގެ އެއްވުމަށް ވަޑައިގެން މާރުކޭޓް ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދަށް އިޝާރަތް ކުރަށްވައި އިމްރާން އަޑުހަރުކޮށް ވިދާޅުވީ ކޮކަޑިކޭ މީދާ މިހާރު އެ ހުރީ ބަލިވެފައި ކަމަށެވެ. އަދި މީދާ ބަލިވެގެން ތެޅެމުންދާ ކަމަށަވެ. މިދަނޑިވަޅުގައި މީދާ ވާރޭ ފެން ބުއިމުގެ ފުރުސަތު ނުދިނުމަށާއި ވަރުބަލިވުމެއް ނެތި މުޒާހަރާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

"ކޮކަޑިކައިގެން މީދާ މަރަށް ތެޅޭނީ. ބަލިވަމުން ބަލިވަމުން ގޮސް މަރުވާނީ. މަރުވުމުގެ ކުރިން އެސޮރަށް ވާރޭފެން ބޯނެ ފުރުސަތު ލިބިއްޖެ ނަމަ އެ ގަދަވީ، އެހިސާބުން އެގަދަވީ. ދެން ފެންނާނީ ކޮކަޑިލީ މީހާގެ ނޭފަތާއި ކަންފަތް ކާލާތަން،" އެހެންވީމާ އެ މީދާ ގަދަވުމުގެ ފުރުސަތު ދީގެނެއް ދެނެއްނުވާނެ،" އިމްރާން ވިދާޅުވި އެވެ.

މަސްމާރުކޭޓް ސަރަހައްދުން ފެށި މުޒާހަރާއަށް އެއްވެ ތިބި މީހުންނަށް ނިސްބަތްކޮށް އިމްރާން ވިދާޅުވީ ކޮކަޑިކޭ މީދާ ގަދަވުމަށް ފުރުސަތު ނުދޭން ތިޔަތިބީ ރައްޔިތުން ނުކުމެ ކަމަށާއި ހިތްވަރުކޮށް ކޮންމެ ރެއަކު މުޒާހަރާކޮށްގެން ނޫނީ ރައީސް ނަޝީދު ބަލި ނުކުރެއްވޭނެ ކަމަށެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ހިފަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ވެސް އިމްރާން ރައްދުދެއްވެވި އެވެ. ވިދާޅުވީ އެގޮތަށް ފަނޑިޔާރުންނަށް މުސާރަ ނުދީ ހިފަހައްޓަވައިފި ނަމަ މިހާރުގެ މުޒާހަރާތަކަށްވުރެ ވަރުގަދަ މުޒާހަރާތަކެއް މުޅި ރާއްޖޭގައި ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާ ސަރަހައްދުގައި މާލޭގެ ސިޓީ ކައުންސިލުން ރޭ ޖަހަން ފެށި ފެންސަކީ ސަރުކާރުން މަސްވެރިންނަށް އަޅައިދޭ ފްލެޓްތަކެއް ކަމަށާއި ފެންސުޖަހައިގެން މުޒާހަރާ ކުރާ ސަރަހައްދު ބަންދުކޮށްލި ނަމަވެސް ހުއްޓުމެއް ނެތި ހިތްވަރާ އެކު މުޒާހިރާތައް ބާއްވާނެ ކަމަށެވެ.

ރޭގަ މުޒާހަރާގައި ޕީޕީއެމްގެ ވަގުތީ ރައީސް އުމަރު ނަސީރު ވަނީ ސިފައިން ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ގޮވާލައި ޣައިރު ގާނޫނީ ގޮތުގައި ރައީސް ނަޝީދު ވިދާޅުވެގެން އަމުރު ހިންގަވާ ތިން އޮފިޝަރުން ކަމަށް ވިދާޅުވެ ބްރިގޭޑިއާ ޖެނެރަލް އިބުރާހިމް ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދު އާއި ލެފްޓިނެންޓް ކާނަލް ނަސުރުﷲގެ ނަން އިއުލާންކޮށްފަ އެވެ.

"އަޅުގަނޑު މިތިން އޮފިސަރުންނަށް ދަންނަވާނީ ރައީސް ނަޝީދު ވިދާޅުވިޔަސް ޣައިރު ގާނޫނީ އޯޑަރު ނުދޭށޭ. އެގޮތަށް އޯޑަރުދޭ ނަމަ އެ ތިން އޮފިސަރުން ހިފާ ހައްޔަރުކުރުމަށް ސިފައިންނަށް ގޮވާލަން. ނުވަތަ ޣައިރުގާނޫނީ އޯޑަރުދެނީ ނަމަ ދިވެހި ސިފައިން މުޒާހަރާއާއި [އަޅުގަނޑުމެންނާ]ގުޅިވަޑައިގަންނަވާށޭ،" އުމަރު ވިދާޅުވި އެވެ.

އިދިކޮޅު މުޒާހިރާއާ އަލަށް ގުޅިވަޑައިގެންނެވި ކުރީގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ދީދީ (ކޭޑީ) އާއި މީރާގެ ބޯޑުން އިސްތިއުފާ ދެއްވި އައްބާސް އާދިލް ރިޒާގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު މިހާރު ޑރ. މުހައްމަދު މުނައްވަރުގެ އެމްއާރްއެމް ޕާޓީގައި ހުންނެވި އަބްދުﷲ މުއާޒު ވެސް ރައީސަށާއި ސަރުކާރަށް ފާޑު ވިދާޅުވެ އިސްތިއުފާއަށް ގޮވި އެވެ.

ރޭގެ މުޒާހަރާ އަށް އާންމުން ތާޅަފިއްޔާ އެކު އެއްވި އިރު ރަޔަޓް ގިޔަރު ފުލުހުންގެ އެހީތެރިކަމާ އެކު މާލޭ ސިޓީކައުންސިލުން ވަނީ މުޒާހަރާ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގުގެ ލޯކަލް މާރުކޭޓާ ހަމައިން ފެންސެން ޖެހުމާއި ދަގަނޑާއި ޓިނާއި މަސައްކަތު މީހުން ގޮވައިގެން ނުކުމެ އެ ސަރަހައްދުގައި މަސައްކަތް ފަށަފައި ފައެވެ. ކުއްލި ގޮތަކަށް ފެށި އެ މަސައްކަތުގެ ތެރެއަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭ ސިޓީގެ މޭޔަރާއި އެހެން މެންބަރުން ވެސް ވަޑައިގެން ތިއްބެވި އެވެ.

ރޭ މުޒާހަރާ މާރުކޭޓް ސަރަހައްދުގައި ސިޔާސީ ލީޑަރުންނާ އެކު ފަށައި ދަންވަރު 12:30 ވަންދެން އެ ސަރަހައްދުގައި ޝުއޫރު ފާޅު ކުރުމަށް ފަހު އެހެން ރޭތަކެކޭ ވެސް އެއްގޮތަށް ނުކުތީ ރަށުތެރެއަށެވެ. ނަމަވެސް މަސްމާރުކޭޓް ހިމެނޭ ބްލޮކުން މުޒާހަރާގެ ބައިވެރިންނަށް ނުނިކުމެވިގެން އުޅެނިކޮށް މަގުގެ ދެކޮޅުން ރަޔަޓް ފުލުހުން ދިމާކޮށްލައި މުޒާހަރާގެ ޕިކަޕް އަތުލުމަށް ފަހު ޕެޕާ ސްޕްރޭ ޖަހައިގެން ވަނީ މުޒާހަރާ ވިއްސި ވިހާލި ކޮށްލައިފަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުނާ އަމާޒުކޮށް އެއްޗެހި އުކިކަމަށް ބުނެ ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

ޕެޕާ ސުޕްރޭ ޖަހައި ބައެއް މީހުން ހައްޔަރު ކުރުމާ އެކު މުޒާހަރާ ދެބައިވެ އެއްބަޔަކު ދިޔައީ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމައްޗަށެވެ. އަނެއްބަޔަކު މާރުކޭޓް ކުރިމައްޗަށެވެ. ނަމަވެސް އެ ސަރަހައްދުން ފަހާލުމުން އެމީހުން ވެސް ނައްޓައިލީ ޗާންދަނީ މަގަށެވެ. އޭގެ ފަހުން މާލޭގެ އެކި މަގުތަކުގައި ހިނގުމަށް ފަހު މުޒާހަރާ އެއްކޮށް ނިންމާލައިފައި ވަނީ ދަންވަރު 1:30 ވެސް ވީ ފަހުންނެވެ.

ފުލުސް ސަބް އިނިސްޕެކްޓަރު ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާވެފައިވާ ކަމާށާއި މުޒާހަރާގެ ތެރެއިން ހަތަރު މީހުން ހައްޔަރުކުރި ކަމަށެވެ. އެމީހުން އަދިވެސް ތިބީ ސަރުކާރުގެ ތަހުގީގު ޖަލު ދޫނީދޫގައި ކަމަށެވެ.