18 Jan 2021, 08:45
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭހާ ހިނދަކު އިންތިހާބު އިއުލާނު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް "ސަން" އަށް ރޭ ވިދާޅުވީ އިންތާބު ބޭއްވުމަށް އެކަށީގެންވާ މާހައުލެއް އޮތްތޯ ނުވަތަ ނެތްތޯ ކަށަވަރު ކުރަން ގާނޫނުން އިލެކްޝަންސްގެ މައްޗަށް ލާޒިމު ކުރާ ކަމަށެވެ.
"އެގޮތުން ޕެންޑެމިކް ތެރޭ އިންތިހާބު ބާއްވަން ރާވާއިރު، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ކެމްޕެއިން ކުރުމަށް ތަނަވަސް ނުވާކަން، އިންތިހާބު ބޭއްވުމަށް ހުރަހަކަށް ވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ބާއްވާނެ ދުވަހަކާ، އިންތިހާބު ބާއްވާނެ ގޮތް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ އެއް ކަމަށެވެ.
"އެ ޒިންމާ އެއްވެސް ބަޔަކު ކަމެއް ކުރުމާ ގުޅިގެން ޝަރުތު ކުރެވޭނެ ކަމެއް ނޫން އެއީ. އެހެންވީމާ އެޗްޕީއޭ އިން ވަކި ގޮތަކަށް އެންގުމަށްފަހު ނޫނީ ވަކި ގޮތަކަށް އެންގިމާ އިންތިހާބު ބޭއްވުމަކީ، އިންތިހާބު ބޭއްވުމަށް ގޮންޖެހުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ޝަރީފް ވިދާޅުވި އެވެ.
"އެޗްޕީއޭ އިން ތިންތިޒާމު ކުރާ ގޮތެއްގެ މަތިން އަޅުގަނޑުމެންނަށް ހަމަހަމަ ފުރުސަތެއް ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ކަށަވަރު ނުވާހާ ހިނދަކު އާޅުގަނޑުމެން އިންތިހާބު އިއުލާނެއް ނުކުރާނެ،"
މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކޮވިޑް19ގެ ބަލިމަޑުކަމާއެކު، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.
އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށް ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި ބިލު ފަރުމާކޮށްފައިވަނީ އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރުކޮށެވެ. އެގޮތުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ކޯޓަށް މައްސަލަތައް ވެއްދުމުގެ މުއްދަތުތައް ވަނީ ކުރުކޮށްފަ އެވެ.
ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސްތެރޭގައި އަލުން އިންތިހާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މަސައްކަތް ފަށަނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވެ އެވެ.