ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާއަށް ރައްދުވާ ޗެކް ބައުންސް މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުވާން އަމުރު ފޮނުވުމުން ދަށުކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ނުކުރައްވާނެކަމަށް ރައީސް ނަޝީދު އަންގާފައިވާ ކަމަށް ވިދާޅުވެ މުސްތަފާ މިއަދު ކޯޓަށް ހާޒިރުވެޑައެއް ނުގަތެވެ.

މުސްތޮފާ ހާޒިރުވެ ވަޑައިގަންނަވަން އަމުރު ފޮނުވާފައިވާ މައްސަލަ ކްރިމިނަލް ކޯޓުން ތާވަލު ކޮށްފައި އޮތީ މިއަދު 10:00 ޖަހާ އިރަށެވެ.

ބައުންސް ޗެކެއްގެ މައްސަލައިގައި ދައުލަތުން މުސްތޮފާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއީ ކިހާ ފައިސާއެއްގެ ޗެކެއް ކަމެއް ސާފެއް ނުވެއެވެ.

މިހާރު ކަރުދާސް ބޭނުންފުޅު ނުކުރައްވާ ކަމަށާއި މިހާރު ސިޓީ ލިޔުއްވަނީ ޑިޖިޓަލް ކޮށް ކަމަށް ވިދާޅުވެ އެސްއެމްއެސް މެދުވެރިކޮށް ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވެވި މުސްތޮފާ މިއަދު ވަނީ ކްރިމިނަލް ކޯޓަށް ދެ ސޮފުހާގެ ސިޓީއެއް ފޮނުއްވާފަ އެވެ.

މުސްތަފާގެ ސިޓީގައި ބުނަނީ ކްރިމިނަލް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އާއި ޚިލާފަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން ކަމަށްވާތީ، ދަށު ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ނުކުރައްވާނެކަމަށް ދައުލަތުގެ އެންމެމަތީ ވެރިޔާގެ އެންގުމެއް ރާއްޖޭގެ މީޑިއާގައި އާންމުކޮށް އިއުލާންކޮށްފައި ވީހިނދު، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުވުމަކީ ގާނޫނު އަސާސީއާ ޚިލާފު، އަދި ގާނޫނު އަސާސީގެ ސިޔާދަތު ނަގާލެވޭފަދަ އަމަލަކަށްވާތީ ކޯޓަށް ހާޒިރުވާން އުޒުރުވެރިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މެދު ރައްޔިތުންގެ އިތުބާރުގެއްލިފައިވާ ދަނޑިވަޅުގައި ކޯޓަށް ހާޒިރު ނުވުމަށް ތިމަރަފުށީ ކައުންސިލުން ވެސް އޭނާއަށް އިލްތިމާސްކޮށްފައިވާ ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކުރާފަދަ ފަނޑިޔާރުން އައްޔަންކުރެއްވުމުން ކޯޓުގެ އަމުރަށް ފުރިހަމަޔަށް ކިޔަމަންވެވަޑައިގަންނަވާނެ ކަމަށް ވެސް ސިޓީގައި ވެއެވެ.

މުސްތަފާގެ ސިޓީ ހިފައިގެން ކޯޓަށް ދިޔަ މީހާ ކޯޓުން ނުނުކުމެވޭގޮތަށް ކޯޓުން ހިފެހެއްޓި ކަމަށް ބުނެ މުސްތަފާ ވަނީ މިއަދު އެސްއެމްއެސް ވެސް ސާކިއުލޭޓް ކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މުސްތަފާގެ ސިޓީ ހިފައިގެން ކޯޓަށް ދިޔަ މީހާ ކޯޓުން ހިފަހައްޓާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މުސްތަފާގެ އެ ސިޓީއާއި ގުޅިގެން މިއަދު 10:00 ޖަހަންދެން ތަކުރާރުކޮށް ކޯޓުން ގުޅުމުން ވެސް މުސްތޮފާ ފޯނުނަންގަވާފައި ނުވާކަމަށެވެ.

ރައީސްލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިއަ ބުރާސްފަތި ދުވަހު ސިފައިންނާ ބައްދަލު ކުރައްވާ ދެއްކެވި ކަމަށް ބުނާ އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އިންކާރު ކުރައްވާފައި ނުވާ ވަހަކަފުޅެއްގައި ބުނަނީ ދަށުކޯޓްތަކުގެ ފަނޑިރުން ތިއްބެވީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭގެ ފަހުން ޖެހިގެން އައި ހުކުރު ދުވަހުގެ ރޭޑިއޯ ތަގުރީރުގައި ވެސް ރައީސް ވަނީ އެގޮތަށް އިޝާރާތް ކުރައްވާފަ އެވެ.

ނަމަވެސް ބަޔާނެއް ނެރުއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ ފަނޑިޔާރުން އައްޔަން ކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ.