29 Jan 2012, 11:06
ޝަރުއީ ނިޒާމް އިސްލާހުކުރަން ގޮވާލުމަށް މާލޭގެ މަގުތައް މައްޗަށް އެމްޑީޕީގެ މެންބަރުން ކޮންމެހެންވެސް ނުކުންނަން ޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
"ތިޔަހެނެއް ނުކިޔޭނެ" ކެމްޕޭންގެ 15 ވަނަ ޖަލްސާގައި އެމްޑީޕީގެ އިސް މެންބަރުން ރޭ ޕާޓީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ހަރުގެތެރޭގައި ކޮންމެ ރެއަކު ޖަލްސާބާއްވައިގެން ހަމަ ޖެއްސެން ނެތް ކަމަށެވެ.
އެމްޑީޕީގެ ބޮޑު އެއްވަމަކަށް ގޮވާލައްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ރޭ ވިދާޅުވީ އަންނަ ހަފުތާއިން ފެށިގެން އެމްއެމްއޭ ކުރިމައްޗަށް އެމްޑީޕީ މެންބަރުން ވެސް އެއްވާން ޖެހޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ކުރާ މުޒާހަރާ ހުއްޓުވަން ޖެހޭ ކަމަށެވެ.
~
އަލީ ވަހީދުގެ ވާހަކަފުޅަށް ބާރު ދެއްވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ވެސް ވިދާޅުވީ ހަރުގެ ތެރޭގައި ކޮންމެ ރެއަކު މުޒާހަރާކޮގެން މިހާރު ފަރުޖައްސާލެވެން ނެތް ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ހޯރަފުށިދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ އެކި ހިސާބުތަކުން މާލެ އައިސް އަޑު އުފުލަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑު ނިސްބަތްވާ ހޯރަފުށި ދާއިރާގައި ވޯޓު ލެވޭ މީހުންގެ 50 ޕަސެންޓް މީހުން މާލެ ގެންނާނަން. އަޅުގަނޑުމެން މިހާރު ޖެހިއްޖެ މި ކޯޓުތައް އިސްލާހު ކުރުމަށް ގޮވާލަން ނުކުނަން،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.
ސަރުކާ ހިންގާ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުންނާއި ބައެއް ވަޒީރުން ވެސް ރޭ ވިދާޅުވެފައި ވަނީ އެމްޑީޕީން ބޮޑު އެއް ވުމަަކަށް ދާންޖެހޭ ކަމަށާއި ރާއްޖޭ އެކި ހިސާބުތަކުގައި ޕާޓީގެ މެންބަރުން ބޮޑު އެއްވުމަށް ނުކުންނަނަށް ކެތްމަދުވެފައި ތިބި ކަމަށެވެ.
އެމްޑީޕީގެ އިސް ލީޑަރުން މިގޮތަށް ވާހަކަފުޅު ދެއްކެވިއިރު އަދި އަންނަ މަހުގެ ތެރޭ ޕާޓީގެ ބޮޑު އެއްވުމަކަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ގޮވާލައި މީގެ ކުރިން ވަނީ އެކި ފަހަރުގެ މަތިން ސުޕްރީމް ކޯޓުކައިރިއަށާއި މާލޭގެ އެކި ސަރަައްދުކަށް އެއްވެ އަޑު އުފުލާފަ އެވެ.