ގދ. އަޔާޑާ ރިސޯޓްގައި ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާގެ ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އުމުރުން 30 އަހަރުގެ ފިރިހެން މީހާ މަރުވި ކަމުގެ ރިޕޯޓް ލިބިފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި ޗައިނާގެ އެމީހާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލޭ ގެނެސް މޯޗަރީ އަށް ލާފައިވާ ކަމަށެވެ. ނަމަވެސް މޯޗަރީގައި ބާއްވާފައި އޮތީ ކީއްވެކަމެއް ސީދާ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"މޯޗަރީގައި އަދި އޮތީ ބާއްވާފައި. އެއީ އާއިލާއާ ހަށިގަނޑު ހަވާލުކުރަން ޖެހުނަސް، ވަޅުލާން ޖެހުނުނަސް އޭގެ ކުރިން ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

ޗައިނާގެ އެ ފަތުރުވެރިޔާ ސްނޯކްލިން އަށް ދިޔައީ އެކަނި ކަމެއް އަދި މަރުވެފައި އޮއްވައި ފެނިފައި ވަނީ ކޮން އިރަކު ކަމެއްވެސް ފުލުހުންގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ. އަދި އެކަން ރިސޯޓުން ވެސް ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.

ރިސޯޓުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ މެންދުރު ސްނޯކްލިން ދިޔަ އެފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ މިދިޔަ ހަފުތާގައި އަންހެނުންނާ އެކު ޗުއްޓީއެއް ހޭދަކޮށްލުމަށެވެ. އަދި މިހާރު އެ އަންހެން މީހާ ވެސްވީ މާލޭގައި ކަމަށް އޭނާ ބުންޏެވެ.