17 Jan 2021, 15:43
ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އައްޔަންކުރާ ޝިޕިން އެޖެންޓުންގެ އިތުރަށް، މުދަލާ ގުޅުން ނުހުންނަ ވަކި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސެކަންޑްރީ ޝިޕިން އެޖެންޓުން (ހަޒްބެންޑަރީ އެޖެންޓް) އައްޔަންކުރެވޭ ގޮތަށް ކަސްޓަމްސްއިން ހަމަޖައްސައިފި އެވެ.
މިކަމާ ގުޅޭގޮތުން ގެޒެޓުގައި ކުރި އިއުލާނުގައި ކަސްޓަމްސްއިން ބުނީ ސެކަންޑަރީ ޝިޕިން އެޖެންޓުން އައްޔަން ކުރުމުގެ ހިދުމަތް ދޭން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުން ފެށިގެންނެވެ.
ސެކަންޑަރީ ޝިޕިން އެޖެންޓެއް ކަނޑައެޅުމަށްފަހު ދޭން އެއްބަސްވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ ހަމައެކަނި އެ އެޖެންޓަށެވެ. އަދި އެ ހިދުމަތްތައް އަދާކުރުމުގައި ކަސްޓަމްސްގެ ގާނޫނާ ގަވާއިދާ ހިލާފަށް އެފަރާތުން ހިންގާ ކަންކަމަށް ޒިންމާވާނީވެސް ސެކަންޑަރީ ޝިޕިން އެޖެންޓު ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ސެކަންޑްރީ ޝިޕިން އެޖެންޓް އައްޔަން ކުރެވޭނީ ކަނޑައެޅިފައިވާ ވަކި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް، ސެކަންޑަރީ ޝިޕިން އެޖެންޓް ހަމަޖެއްސިކަން ބަޔާންކޮށް އުޅަނދުގެ ވެރިފަރާތުގެ ލިޔުމަކާއެކު "ސެކަންޑްރީ ޝިޕިން އެޖެންޓަކަށް އައްޔަންވުމަށް އެދޭ ފޯމް" (ފޯމް ނަންބަރު:MCS-160) ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ. މި ފޯމު ކަސްޓަމްސްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
ސެކަންޑަރީ ޝިޕިން އެޖެންޓްގެ ގޮތުގައި އައްޔަންކުރެވޭ ފަރާތަކީ ޝިޕިން އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭނެ އެވެ. އަދި ސެކަންޑަރީ ޝިޕިން އެޖެންޓެއް ހަމަޖެއްސޭނީ އުޅަނދުގެ ކްރޫ ޗޭންޖް، ގާބޭޖް ކްލީނިން، ރިޕެއާ، ތެލާއި ފެނާއި ކާބޯތަކެތި އެރުވުން، ހަތިޔާރާއި ބޯޓުފަހަރުގައި ހަތިޔާރު ބަލަހައްޓާ ފަރާތްތައް (އާމްޑް ގާޑްސް) ފަދަ އިމްޕޯޓް/އެކްސްޕޯޓް މުދަލާ ގުޅުން ނެތް ހިދުމަތްތަކަށެވެ.
ސެކަންޑްރީ އެޖެންޓްގެ ގޮތުގައި އައްޔަންވުމަށް ހުށަހަޅާއިރު، އެފަރާތް ސެކަންޑަރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި އައްޔަންކުރިކަން ބަޔާންކުރާ އުޅަނދުގެ ވެރިފަރާތުގެ ލިޔުން ހުށަހަޅަންވާނެ އެވެ.
އުޅަނދުގެ ކޮންމެ ބައިނަލްއަގްވާމީ ދަތުރަކަށް ޢައްޔަންކުރެވޭނީ އެއް ސެކަންޑްރީ ޝިޕިން އެޖެންޓެވެ. އަދި އެޖެންޓް ބަދަލުކުރަން ޖެހިއްޖެނަމަ އެކަން ކުރާނީ ކަސްޓަމްސްގެ އާންމު ގަވާއިދުގައި ޝިޕިން އެޖެންޓް ބަދަލު ކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.