17 Jan 2021, 12:26
ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކޯޓުތަކަށް ހުށަހަޅާފައި ހުރި މައްސަލަތައް އަވަހަށް ނިންމައިދޭން ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒު އެދިވަޑައިގެންފި އެވެ.
އަލީ ނިޔާޒު އެހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އިންތިހާބު ބާއްވަން ހުރި ހުރަސްތަކުގެ ތެރޭގައި ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.
އިންތިހާބާ ގުޅޭ ގޮތުން މިހާރުވެސް ކޯޓުގައި ތިން މައްސަލައެއް ހިނގަމުންދާކަން ފާހަގަކޮށް އަލީ ނިޔާޒު ވިދާޅުވީ ގާނޫނުގައި ލިޔެގެން ކޯޓުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.
"އެހެންނަމަވެސް ކޯޓުގައި އޮތް ތިން މައްސަލައަކަށް މި މުއްދަތުގެ ތެރޭގައި ހައްލު ގެނެސްގެން މި އިންތިހާބު އަވަސް ކުރުމަށް ޖާގަ ހޯދުމަކީ މުހިންމު ކަމެއް،" އަލީ ނިޔާޒު ވިދާޅުވި އެވެ.
މިހާރު ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރޭގައި ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ހާއްސަކުރި މައްސަލައާއި، އަލުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލު ކުރި މައްސަލައެއް ހިމެނެ އެވެ.
ޕީޕީއެމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ޕީޕީއެމްގެވެސް ސީދާ ނިޔަތް ނޭނގޭ ކަމަށެވެ. އެއް ދުވަހު ރަށްރަށް ލޮކްޑައުން ކުރަން ގޮވާލާ ބަޔާން ނެރުމަށް ފަހު އަނެއް ދުވަހު އިންތިހާބަށް ކެމްޕެއިން ކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނެ ބަޔާން ނެރޭ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.
"ކޮންމެވެސް އެއްގޮތަކަށް މިއަދުގެ މި ބަހުސްގެ ތެރޭގައި ވާހަކަ ދެއްކެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" އަލީ ނިޔާޒު ވިދާޅުވި އެވެ.
ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ނަގައި އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމަށް އަލީ ނިޔާޒު ވަނީ ޕީޕީއެމްގެ ކިބައިން އެދިލައްވާފަ އެވެ.
ގާނޫނަށް ބަދަލު ގެނައި ނަމަވެސް އަދިވެސް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. އެހެންނަމަވެސް އާންމު ރައްޔިތުންގެ ރުހުމެއް ނެތި ބަޔަކު މަގާމުތަކުގައި ތިބޭ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ ހިމަނާފަ އެވެ.
އެގޮތުން އެ ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މަސައްކަތް ފަށަނީ، ޑިރެކްޓާ ޖެނެރަލް (ޑީޖީ) އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސުލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިހާރު ގާނޫނު އޮތް ގޮތުން، އިންތިހާބުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނަށް ފެށެނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު، އިންތިހާބު ބޭއްވުމަކީ ސިއްހަތަށް ނުރައްކަލެއް ނެތް ކަމެއް ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ކަނޑައެޅުމަށްފަހު އެވެ. ނަމަވެސް މިހާރު ބިލު އޮތް ގޮތުން ޑީޖީގެ އިރުޝާދާއެކު އިންތިހާބު ބޭއްވުމަށް ކޮމިޝަނަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ.
އޭގެ އިތުރުން ދެން އިންތިހާބާ ބެހޭ އާންމު ގާނޫނުގައި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ޖުމްލަ ހަ ކަމެއްގެ މުއްދަތު ކުޑަކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ.
އިންތިހާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ. ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފަ އެވެ.
ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް އެ މުއްދަތު ފަސް ދުވަހަށް ކުޑަ ކުރުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި އެ ހުށަހެޅޭ ޝަކުވާއަކާ މެދު ފަސް ދުވަސް ތެރޭ ގޮތެއް ނިންމުމަށް އޮތް އިރު، އެ މުއްދަތު ތިން ދުވަހަށް ކުޑަ ކުރުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.