ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައިކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ސިފައިންނަށް ހައިކޯޓުން އަނެއްކާ ވެސް ޗިޓް ފޮނުވައިފި އެވެ.

ހައިކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ހުންނެވި އަބްދުﷲ ގާޒީ މިއަދު ހަވީރު 4:30 އަށް އެ ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ޗިޓް ފޮނުވައި ހާޒިރުކޮށްދިނުމަށް އެދިފައިވަނީ ޖޭއެސްސީިން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ހައިކޯޓުގައި ޖޭއެސްސީ އިސްތިއުނާފް ކޮށްފައިވަނީ އެ ކޮމިޝަނުން އަބްދުﷲ ގާޒީއާ މެދު ސުލޫކީ ފިޔަވަޅެއް އެޅުމަށް ނިންމާފައި ވަނިކޮށް އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުން ފަސްކުރަން ސިވިލް ކޯޓުން އަމުރު ކުރުމުންނެވެ. އިސް ގާޒީއާ މެދު ފިޔަވަޅު އެޅުން ފަސްކުރަން ސިވިލް ކޯޓުން އަމުރު ނެރުނީ އިސް ގާޒީ އެ މައްސަލަ ކޯޓަށް ވެއްދުމުންނެވެ.

މި މައްސަލައިގެ ޝަރީއަތަށް އަބްދުﷲ ގާޒީ ހާޒިރުކުރުމަށް ހައި ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެސް އެމްއެންޑީއެފަށް އަންގާފަ އެވެ. އެހެން ނަމަވެސް އެދުވަހު އެމްއެންޑީއެފުން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައިނުވާތީއާ ބަދަލުގައި ވެސް މީހަކު ފޮނުވައި ދީފައި ނުވާތީ މައްސަލަ ވަނީ ކެންސަލްވެފަ އެވެ ކޯޓުން އެދުވަހު ބުނެފައި ވަނީ އެއީ ވަރަށް އަވަހަށް ނިންމަން ބޭނުންވާ މައްސަލައެއް ކަމަށެވެ.

މި މައްސަލައިގައި ދެވަނަ އަޑު އެހުމަކަށް އަލުން ޝެޑިއުލް ކުރި އިރު ގާޒީ އަބްދުﷲ މުހައްމަދާ އަސްކަރީ ބަންދުން މިނިވަން ކުރުމަށް ނުވަތަ އޭނާ އާމެދު ގާނޫނީ ދައުވާއެއް ކުރަންޖެހޭނަމަ އެ ދައުވާ ދައުވާ ކުރުމަށް އދ. ގެ ހިއުމަންރައިޓްސް އޮފީހުން ވަނީ ގޮވާލާފަ އެވެ.

އެ ގޮވާލުމާ ގުޅިގެން ސްރީލަންކާގައި ހުންނަވައިގެން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ އަބްދުﷲ ގާޒީ ހުންނެވީ އަސްކަރީ ބަންދެއްގައި ނޫން ކަމަށެވެ. ނަމަވެސް އޭނާ ހައްޔަކުރުމުގައި ފުލުހުން އަސްކަރިއްޔާގެ އެހީ ހޯދި ކަމަށެވެ. ޒުހައިރު ވިދާޅުވީ އދ. އިން ފާހަގަކޮށްފައިވާ ފަދައިން އަބްދުﷲ ގާޒީއާ ދެކޮޅަށް މިހާރުވެސް ހައިކޯޓްގައި ދައުވާ އުފުލާފައިވާ ކަމަށާއި ނަމަވެސް ކޯޓަށް ހާޒިރުކުރަން ކުރި އަމުރުތަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކޮށްފައި ނުވަނީ އެއީ އާއްމު ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ. އަދި ވިދާޅުވީ ކޯޓަކަށް ހާޒިރުވުމަށް އެއްވެސް މީހަކަށް އެންގުމުން އެމީހަކަށް ހާޒިވު ނުވެވޭފަދަ ގޮތެއް ދިމާވުމުން ޣައިރު ހާޒިރުގައި ވެސް ޝަރީއަތް ކުރެވޭނެ ކަމަށާއި އަބްދުﷲ ގާޒީގެ ޝަރީއަތް ވެސް އެގޮތަށް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

ޖޭއެސްސީ ން އިއްޔެ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ބުނެފައިވަނީ އަބްދުﷲ ގާޒީއާ މެދު ފިވަވަޅެއް ނޭޅިފައިވަނީ ސިވިލް ކޯޓުން ފިޔަވަޅު އެޅުން ފަސްކުރުމަށް ކޮށްފައިވާ އަމުރާއި ގުޅިގެން ކަމަށެވެ.

ސަރުކާރު ހިންގާ އެމްޑީޕީން އަބްދުﷲ ގާޒީ ދޫކޮށްލައިގެން ނުވާނެ ކަމަށާއި އޭނާއަށް ޝާރީއަތްކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނަމުންދާއިރު އޭނާ މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. ސިފައިން ހައްޔަރުކޮށް އަބްދުﷲ ގާޒީ، ގިރިފުށީ ޓްރޭނިން ސެންޓަރުގައި ބަހައްޓާފައި ހުންނަތާ މިއަދަށް 13 ދުވަސް ހަމަވާނެ އެވެ.