17 Jan 2021, 00:16
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަވަނަ މެޗު ވީކްގެ ފަހު މެޗުގައި މިރޭ ސުޕަ ޔުނައިޓެޑާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
މިރޭ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ނިމުނު އިރު، ޔޫވީގެ ކޯޗު މުހައްމަދު އާދަމް ވަނީ މެޗަށްފަހު ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ. މިރޭގެ ޕޮއިންޓާ އެކު ޔޫވީއަށް ކުޅުނު ހަ މެޗުން މިހާތަނަށް ލިބިފައި ވަނީ ތިން ޕޮއިންޓް އެވެ. އެއީ ތިން ބައްޔާއި ތިން އެއްވަރު ވެގެން އެ ޓީމަށް ލިބުނު ތިން ޕޮއިންޓެވެ.
މިރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ، މެޗުގައި ޔޫވީއިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި، ހަމައެކަނި ނުނެރެވުނީ ނަތީޖާ ކަމަށެވެ. އަދި މޮޅަށް ކުޅެ ނިންމާލަން ލިބުނު ފުރުސަތުތަކުގައި ބޭނުން ނުކުރެވުނީ ކަމަށާއި، ކޯޗަށް ކުޅުންތެރިންގެ ފަރާތުން އެކަށީގެންވ އެއްބާރުލުމެއް ނުލިބޭކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.
އަނެއްކޮޅުން މިރޭގެ ނަތީޖާއާ އެކު ސަސް ވަނީ ފަސްވަނައަށް އަރައިފަ އެވެ. ހަ މެޗުން ހަތް ޕޮއިންޓް ހޯދައިގެން ސަސް ފަސްވަނައިގައި އޮތް އިރު، އެ ޓީމުގެ ކުރީގައި އަށް ޕޮއިންޓާ އެކު އޮތީ ގްރީންސްޓްރީޓްސް އެވެ. ތިންވަނައިގައި ދަ ގްރާންޑޭ ނުވަ ޕޮއިންޓާ އެކު އޮތް އިރު ދެވަނައިގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ 11 ޕޮއިންޓް އެވެ. މާޒިޔާ އެއްވަނައިގައި އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ.
މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނުނު އިރު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ސަސްއިންނެވެ. އެ ގޯލަކީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެއިސުކޭ މޮރީ ޖަހައިދިން ގޯލެކެވެ.
ސަސްއަށް މެޗުގެ ނަތީޖާ މެޗު ނިމެންދަނިކޮށް ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އިސްމާއިލް އީސާ (މެސީ) އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗުގައި ސަސްއިން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް މެޗުގެ ފަހު ވަގުތު އިދިކޮޅަށް ޕެނަލްޓީއެއް ލިބުމުން ހިތްހަމަ ނުޖެހޭ ކަމަށާއި، ޕްރެޝަރު އޮތް ކަން ގަބޫލު ކުރާ ކަމަށެވެ. އެހެން ނަމަވެސް ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށާއި، ޓީމުން ބޭނުންވާ ނަމަ ކޯޗުކަމުން ވަކި ކުރަންވީ ކަމަށް ނާދު ބުންޏެވެ.