29 Jan 2012, 09:47
ވޮޝިންގޓަން (ޖަނަވަރީ 28) : އޭޝިޔާ ފެސިފިކްގައި ޢަސްކަރީ ބާރުގަދަކުރާނެކަން އެމެރިކާ ހާމަކޮށްފިއެވެ. އެމެރިކާގެ ފެސިފިކް ކޮމާންޑްގެ ވެރިޔާ އެޑްމިރަލް ރޮބަޓް ވިލާޑް ވިދާޅުވީ އޭޝިޔާ ޕެސިފިކްގައި އެމެރިކާގެ ޢަސްކަރީ އިތުރު ބޭސްތައް ހަދަން ގަސްދުނުކުރާކަމަށާ ނަމަވެސް ބޭނުންއިރަކު ބޭނުންތަނަކަށް ވަދެގަތުމަށް ބޭނުންވާ ޢަސްކަރީ މަނަވަރުތައް އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ރުކުރުވާލާނެކަމުގައެވެ.
ހަވާއީގައި ހުންނަ އެމެރިކާގެ ފެސިފިކް ކޮމާންޑްގެ މަރުކަޒުން މަސައްކަތްކުރަނީ އޮސްޓްރޭލިޔާގައި ތަމްރީން މަރުކަޒެއް ބިނާކޮށް ސިންގަޕޫރު ކައިރިން ދެކުނު އިރުމަތީ އޭޝިޔާގައި އެމެރިކާގެ ކަނޑުގެ މަނަވަރުތައް ކުރިޔަށްވުރެ ގިނައިން ޙަރަކާތްތެރި ކުރުވުމަށެވެ. އޭޝިޔާ ޕެސިކްގައި ޗައިނާގެ ޢަސްކަރީ ބާރު ގަދަވަމުންދާތީ އެމެރިކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް އެޑްމިރަލް ރޮބަޓް ވިލާޑް ވިދާޅުވިއެވެ.
އެމެރިކާގެ ފެސިފިކް ކޮމާންޑްގެ އަމާޒަކީ ސައުތް ޗައިނާ ކަނޑުގައިވާ ނެވިގޭޝަން ކޮރިޑޯތައް ޙިމާޔަތްކޮށް ވިޔަފާރީގެ މުޢާމަލާތްތަކަށް އަމާންކަން ހޯދައިދިނުން ކަމަށާ މިކޮރިޑޯތައް ހުރަސްކޮށް އަހަރަކު 5 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތްތައް ހިނގާ ކަމަށް ވިލާޑް ވިދާޅުވިއެވެ. -- ރޮއިޓާސް