ސްޓާޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ ސީރިއަލް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ އާ ޕްރޮމޯ ދައްކާލައިފި އެވެ.

މިދިޔަ ހަފްތާ އިން ފެށިގެން ސީރިއަލްގެ ފޭނުން މާޔޫސްކޮށްލި ނަމަވެސް އާ ޕްރޮމޯއަކާ އެކު މިވަނީ ފޭނުންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދީފަ އެވެ. ފަރުބަދަތަކެއްގެ މަތިން ވެއްޓި ނައިރާ މަރުވިކަން އިއުލާންކުރުމާ އެކު ފޭނުންނަށް ވެސް ޝޮކެއް ލިބުނެވެ. ނަމަވެސް ފަހުން ނައިރާ އެނބުރި އަންނާނެ ކަމަށް ބުނުމާ އެކު ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

މިފަހަރު މިއޮތީ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގެ އާ ޕްރޮމޯ އެވެ. މި ފަހަރު ޝިވާންގީ ޖޯޝީ (ނައިރާ) ފެނިގެންދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ. އާ ނަމަކާއެކު ނައިރާ ފެނިގެންދާއިރު ޑްރާމާގެ ޕްރޮމޯއިން ވެސް ނައިރާގެ އެނބުރި އައުން ވަރުގަދަކަން ހާމަވެގެންދެ އެވެ.

މިހާރު އެ ރޯލު ކުޅުމަށް ހާއްސަ ތަމްރީންތަކެއް ވެސް ނައިރާގެ ރޯލުން ފެނިގެންދާ ޝިވާންގީ ވަނީ ފަށައިފަ އެވެ. ކަންތައް ވެގެންދާ ގޮތް ކުރިއަށް އޮތް 10 ދުވަސްތެރޭ ފެނިގެންދާނެ ކަމަށް މި ޑްރާމާގެ ޑައިރެކްޓަރު ވަނީ މީގެ ކުރިން ބުނެފަ އެވެ.

ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ މަގްބޫލު ޑްރާމާ ތަކުގެ ތެރޭ ހިމެނޭ "ޔޭ ރިޝްތާ ކިޔާ ކެހެލޭތާ ހޭ" އަކީ މިވަގުތު އެ ޗެނަލުން ދައްކާ އެންމެ ދުވަސްވީ ޑްރާމާ އެވެ.