ހުޅުމާލޭ މިސްކިތެއް ތެރޭ އިން އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ބުނާ އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭ ހުރި މީހަކާ މަރާމާރީ ހިންގައިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އިއްޔެ އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ފުލުހުންގެ ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތައް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާ މީހާ ވަނީ މިސްކިތް ތެރޭ އިން އުމުރުން ދުވަސްވީ މީހާގެ ގައިން ނުބައި ވަސް ދުވާކަމަށް ބުނެ، އޭނާ މިސްކިތުން ނެރެ، މާރާމާރީ ހިންގާފަ އެވެ.

އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.