16 Jan 2021, 15:14
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ކްލަބް އީގަލްސްގެ ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ޝިޔާޒް (މޯހަން)ގެ އެއްބަސްވުން އުވާލައި މަގާމުން ވަކިކޮށްފި އެވެ.
މިފަހަރުގެ ޗެރޓީ ޝީލްޑް މެޗަށްފަހު ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން އީގަލްސް މޮޅުވީ އެންމެ މެޗަކުންނެވެ. ޔުނައިޓެޑް ވިކްޓަރީ އަތުން 2-3 އިން ލިބުނު މޮޅާ އެކު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ. އަދި ރޭ ކުޅުނު މެޗުގައި ގްރީންސްޓްރީޓްސް އަތުން ބަލިވީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އެ ނަތީޖާތަކާ އެކު، ޕްރެޝަރު ބޮޑުވެފައިވާ މޯހަން މިއަދު ވަނީ ކްލަބާ އެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ. އެއާ އެކު އީގަލްސްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯހަންއާ އެކު ދެކެވުނު ވާހަކައިގައި އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މި ވަގުތު ކޮންޓްރެކްޓް އުވާލުން ކަމަށްވާތީ އެ ގޮތަށް ކުރިއަށްދާން ނިންމީ ކަމަށެވެ. އީގަލްސް އިން ވަނީ މޯހަން އެ ޓީމަށް ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
މިދިޔަ ސީޒަންގެ ރަނަރަޕްކަން ހޯދި އީގަލްސްއިން އެ ސީޒަނުގައި ބަލިވީ އެންމެ ތިން މެޗުންނެވެ. އަދި އެހެންމެ ފުރަތަމަ ފަހަރަށް އެކުލަބު އޭއެފްސީ ކަޕަށް ކޮލިފައިވުމާ އެކު މޯހަންގެ އެއްބަސްވުން އިތުރު ކުރަން އީގަލްސްއިން އޭރު ނިންމި ނަމަވެސް ނަތީޖާ ނުނެރެވޭ ނަމަ މަގާމުގައި ނުހުރެވޭނެ ކަމަށް މޯހަން އައީ ބުނަމުންނެވެ.
ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކޯޗުކޮށްދިން މޯހަން އީގަލްސްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އަދި އެއަށްފަހު އީގަލްސްއާ އެކު ރަނގަޅު ކާމިޔާބީތަކެއް މޯހަން ހޯދި އިރު، އޭނާ އަކީ މިވަގުތު ރާއްޖޭގައި ތިބި އޭއެފްސީ ޕްރޯ ލައިސެންސް ނަގާފައިވާ ދެ ކޯޗުންގެ ތެރެއިން އެކަކެވެ.
މޯހަން އަކީ މި ފަހަރުގެ ސީޒަންގައި ޓީމާ ވަކިވި ދެ ވަނަ ކޯޗެވެ. ލީގުގެ ފުރަތަމަ ހަތަރު މެޗަށް ފަހު މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް ޓީމުން ވަކިވެފަ އެވެ.